ޚަބަރު

މޯލްޑިވްސް ސްވިމް ފޯރ ޑަޔަބެޓީޒްގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް


ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ސްވިމް ފޯރ ޑަޔަބީޓީޒް 2026" ގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލައިފިއެވެ.

މިއީ މިމަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއިން ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމް މިހާރު އެސޮސައިޓީގެ ސޯޝަލް އެފްބީގައިވާ ކިއުއާރް ކޯޑް ސްކޭންކޮށްލައިގެން ފުރާލެވޭނެކަމަށް ޑަޔަބެޓީޒް ސޮސައިޓީއިންވަނީ ބުނެފައެވެ.

މާލޭގައި މި ހަރަކާތް ކުރިއަށްދާނީ ޓްރެކްގައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަތަން ދަންނަ އުމުރުން ހަ އަހަރުންމަތީގެ ކޮންމެ ފަރާތަކަށްވެސް އޮތްއިރު، މިފަދަ ހަރަކާތެއް ދުވަހާ ގުޅުވައިގެން ބޭއްވުމުގެ މަގްސަދަކީ މިބައްޔަށް އާންމުން ހޭލުންތެރިކުރުވާ ކަސްރަތުކޮށް ހެލިފެލިވެ އުޅުމުގެ އާދަ ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް ހިތްވަރުދިނުންކަމަށް ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ ޢާއިޝަތު ޝިރުހާނާވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ. ޝިރުހާނާ ވިދާޅުވީ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ހަކުރު ބައްޔަށް އާންމުން ހޭލުންތެރިކުރުމަށް ސޮސައިޓީއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

"މިއީ ފެތުމެއްވީމަ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއްދޭންޖެހޭނެ. އެހެންވީމަ ފަތަން ދަންނަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ. އިންޑިވިޖުއަލްކޮންނާއި ފެމިލީތަކުންނާއި މުވައްސަސާތަކާއި ކޮލެޖްތަކަށްވެސް ފުރުސަތު އެބައޮތް" ޝިރުހާނާ ވިދާޅުވިއެވެ.

"މޯލްޑިވްސް ސްވިމް ފޯރ ޑަޔަބެޓީޒް 2026" އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު މާލޭ ފަތާ ޓްރެކްގައެވެ. މި ހަރަކާތް ކުރިއަށްދާނީ އެދުވަހު މެންދުރުފަހު 02:00 އިން އިރުއޮއްސި 06:00އަށެވެ. ހަރަކާތުގެ ބައިވެރިން ފެތުމަށް ހަމަޖެހިފައިވަނީ 25 މީޓަރާއި 50 މީޓަރާ ދެމެދުގެ ދިގުމިނަށެވެ.