ޚަބަރު

ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށް ކްލެސިފިކޭޝަން ވޯކްޝޮޕެއް ރާއްޖޭގައި ބާއްވަނީ


  • މި ވޯކްޝޮޕްގައި ހަތް ޤައުމަކުން ބައިވެރިވޭ

  • މިއީ ސެޓިފައިޑް ކްލެސިފަޔަރުން ތަމްރީނުވުމަށް ކޮށޭ މަގެއް

  • ސެޓިފައިޑް ކްލެސިފަޔަރުންގެ ސަބަބުން ޕެރަ އެތުލީޓުން ހަމަހަމަކަމާއެކު ކެޓަގަރައިޒްކުރެވޭނެ

ސަރަހައްދީ ޤައުމުތަކަށް އަމާޒުކޮށް ކްލެސިފިކޭޝަން ވޯކްޝޮޕެއް ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ވޯކްޝޮޕަކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ކުޅިވަރު ވުޒާރާގެ އިތުރުން ކޮރެއަން ޕެރަލިމްޕިކް ކޮމިޓީ (ކޭޕީސީ)ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ.

މިމަހުގެ 16 އިން 18 އަށް މާލޭގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ރާއްޖޭގެ އިތުރުން، ނޭޕާލް، ޕާކިސްތާން، ބޫޓާން، އިންޑިއާ އަދި ސްރީލަންކާއިން އޮފިޝަލުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި މި ޤައުމުތަކުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވާ ޑޮކްޓަރުންނާއި ތަޖުރިބާކާރު ފަރާތްތައް ހިމެނޭކަމަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއިންވަނީ މައުލޫމާތުދީފައެވެ.

މި ވޯކްޝޮޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހްމަދު މުހައްމަދު ވިދާޅުވީ މި ވޯކްޝޮޕްގެ ބޭނުމަކީ ޕެރަ އެތުލީޓުން ފެތޭ ކެޓަގަރީތައް ދެމެގަތުމަށްޓަކައި ސެޓިފައިޑް ކްލެސިފަޔަރުން ތަމްރީނުކުރުންކަމަށެވެ. މިފަދަ ކްލެސިފަޔަރުން ބިނާކުރެވުމުން، ޕެރަ އެތުލީޓުންނަށް ހަމަހަމަކަމާއެކު، އެ އެތުލީޓަކު ފެތޭ ކެޓަގަރީތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެކަމަށާ، މިފަދަ ކްލެސިފަޔަރުންނަކީ ދުނިޔޭގައިވެސް މަދުބަޔަކަށްވުމުން، އަމާޒަކީ ސަރަޙައްދީ ޤައުމުތަކުންނާއި ރާއްޖެއިން ސެޓިފައިޑް ކްލެސިފަޔަރުން އުފެއްދުންކަމަށެވެ.

"ކްލެސިފަޔަރުން ގައުމުތަކުގައި ނެތުމަކީ ބޮޑު ގޮންޖެހުމެއް. މިބަލަނީ މި ފުރުސަތުގައި ސަރަހައްދީ ގައުމުތަކަށްވެސް ފުރުސަތުދީގެން ރާއްޖޭގައި މީހުންތަކެއް ބިނާކުރުމަށް. މީގެން މެންބަރު ގައުމުތަކުގެ އެސޯސިއޭޝަންތަކުގެ ކޯޗުންވެސް ތަމްރީނުކުރެވިގެންދާނެ" އަހްމަދު ވިދާޅުވިއެވެ.

ޕެރަ އެތުލީޓުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ އަމާޒަށް ވާސިލްވުމަށް ކޮމިޓީއިން ހިފާފައިވާ އަމާޒާއެކު، މިހާރު މިކުރެވޭ މަސައްކަތުން 2030 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅަކަށް ސެޓިފައިޓް 2 ކްލެސިފަޔަރުން ތަމްރީނުކުރެވޭނެކަމަށް އަހްމަދު ވިދާޅުވިއެވެ.

"2030 އާ ހަމައަށް ދާއިރު ސަރުކާރުގެ ސިޔާސަތާއެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ސަޓިފައިޑް ދެ ކްލެސިފަޔަރުން ބިނާކުރުން އަޅުގަނޑުމެންގެ މަގްސަދަކީ" އަހްމަދު ވިދާޅުވިއެވެ.

މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދާ ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އީރާން، މެލޭޝިއާ އަދި އިންޑިއާގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ. މިވޯކްޝޮޕަކީ ސެޓިފައިޑް ކްލެސިފަޔަރަކަށްވުމަށްޓަކައި އަޅައިދެވޭ ބިންގަލެއްކަމަށް އަހްމަދު ވަނީ ވިދާޅުވެފައެވެ.