ޚަބަރު

ޔޫތު އޮލިމްޕިކްސް: ލޫތު 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ފަތައިފި


  • ފިރިހެނުންގެ 100 މީޓަރާއި، 200 މީޓަރު ބްރެސްޓްސްޓްރޯކްގެ ގައުމީ ރިކޯޑް އޮންނަނީ ލޫތުގެ އަތުގައި

  • ޔޫތު އޮލިމްޕިކްސް ރާއްޖޭން ވާދަކުރަނީ ލޫތު އަދި ތަޒްކިޔާ

ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ ފިރިހެނުންގެ 100މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ ލޫތު މުޙައްމަދު ހުސައިން ވާދަކޮށްފިއެވެ.

އަންގާރަދުވަހު ލޫތު 100 މީޓަރު ބްރެސްޓްސްޓްރޯކް ހީޓް ދޭއްގައި ވާދަކޮށްފައިވާއިރު، އޭނާ ހީޓް ނިންމާފައިވަނީ އެއް މިނެޓް، 11.50 ސިކުންތުން، ހީޓްގެ ހަތްވަނައިގައެވެ.

ފިރިހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މިހާރުވެސް ދަމަހައްޓަމުން އަންނަނީ ލޫތުއެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ މިއަހަރު ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި އެއް މިނެޓް، 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ އިތުރުން 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެވެސް ގައުމީ ރެކޯޑު އޮންނަނީ ލޫތު އަތުގަކަން ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގައި ރާއްޖޭން ވާދަކުރަނީ ހަމައެކަނި ފެތުމުގައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ލޫތު މުޙައްމަދު ހުސެއިންގެ އިތުރުން އަމްނާ ތަޒްކިޔާ މިރުސާދުއެވެ. މިމުބާރާތުން މި އެތުލީޓުންނަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ރޮމޭނިއާގައި ކުރިއަށްދިޔަ ޔޫތު ޗެމްޕިއަންޝިޕުގައި ބައިވެރިވެ، ދެއްކި ޕާފޯމެންސަށް ބަލާފައެވެ. މި އެތުލީޓުން މުބާރާތަށް ތައްޔާރުވެފައިވަނީ ކޯޗު އަހުމަދު ފިރާސްގެ އިރުޝާދުގެ ދަށުންނެވެ.

ޔޫތު އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްތައް ކުރިއަށް ދަނީ ޑާކާ އެކުއެޓިކްސް ސެންޓަރުގައެވެ.