ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 މިމަހުގެ 7 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާއިރު، މިއަހަރަކީ މުބާރާތް އިތުރަށް ޚާއްސަވެގެންދާ އަހަރެކެވެ. އާންމުންނަށް ހުޅުވާލައިގެން މިމުބާރާތް ބާއްވަން ފެށިތާ މާގިނަ އަހަރުތަކެއްނުވަނީސް މިމުބާރާތަށް އިތުރު ފުރިހަމަކަމެއް ގެނުވީ މިއަހަރުގެ މުބާރާތަށް ޕެރަ ކެޓަގަރީ އިތުރުކުރުމާއެކުއެވެ.
އެހެން ކުޅިވަރުތަކާ ޚިލާފަށް ޝޫޓިން ކުޅިވަރަކީ ސީދާ ޝޫޓިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން އެތުލީޓުން ތަމްރީނުކުރާ ކުޅިވަރެކެވެ. ސަބަބަކީ މިއީ ހަތިޔާރާ ގުޅުންހުރި ކުޅިވަރަކަށްވެފައި މުބާރާތުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަކީ އެސޯސިއޭޝަނުގެ ޒިންމާއަކަށްވެފައިވުމެވެ.
މިއަހަރުގެ މުބާރާތަށް ޕެރަ ކެޓަގަރީ އިތުރުކުރުމާއެކު ގިނަ އަދަދަކަށް ޕެރަ އެތުލީޓުންވަނީ މުބާރާތުގައި ބައިވެރިވެ، ފަރިތަކުރުންތައް ފަށާފައެވެ. ހުޅުމާލޭ ޝޫޓިން ރޭންޖުގައި އެތުލީޓުންގެ ފަރިތަކުރުންތައް ކުރިއަށްދިޔައިރު، އޭގެ ތެރެއިން ބައެއް އެތުލީޓުންވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާލާ އެ އެތުލީޓުންގެ އިހްސާސްތައް ހިއްސާކޮށްފައެވެ. އެގޮތުން އިސްމާޢީލް ނާޒިފް ސައީދު އަދި ހައްވާ މިޒްނާވެސް ދެކޭގޮތުގައި މިއީ ފަހިވި ރަނުގެ ފުރުސަތެކެވެ. އަދި މިމުބާރާތަށްފަހު އިތުރު ޕެރަ ޝޫޓަރުން ޓީމާ ގުޅޭނެކަމަށް އުންމީދުކުރާކަމަށްވެސް އެތުލީޓުން ބުނެފަވެއެވެ.
ނާޒިފް ބުނެފައިވަނީ މިފަދަ ފުރުސަތެއް ލިބިދާނެކަމަށް މީގެ ކުރިން އުންމީދުނުކުރާކަމަށެވެ. އެހެންނަމަވެސް ޤައުމީ ޕެރަ ޓީމެއް އުފެއްދުމަށް އެސޯސިއޭޝަނުން ހިފާފައިވާ އަމާޒާއެކު ޕެރަ އެތުލީޓުންނަށްވެސް ޤައުމު ތަމްސީލުކޮށް ރީތި ނަން ހޯދައިދިނުމަށް ފުރުސަތު ހުޅުވިއްޖެކަމަށެވެ.
"މިއާއެކު އެބަ އާދޭ ޤައުމު ތަމްސީލުކުރުންވެސް. މާދަމާ އަޅުގަނޑުމެންގެ ހުވަފެނެއް މި ކުޅިވަރުން ޤައުމު ތަމްސީލުކުރުންވެސް. މިއީ މީގެ ކުރިން ހިތަށްވެސް އަރާފައިނުވާކަމަށް. އެހެންނަމަވެސް މިފުރުސަތާއެކު އެކަން ފަހިވެއްޖެ. އެހެންކަމުން ޕެރަލިމްޕިކް ކޮމިޓީއަށާ ޝޫޓިން އެސޯސިއޭޝަނަށްވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން" ނާޒިފް ބުންޏެވެ.
ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރ ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ހިމަނާފައިވާއިރު، މުބާރާތުގައި ހިމެނޭ އިތުރު ކެޓަގަރީތަކުގެ ތެރޭގައި ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމެނެއެވެ.
އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމުގެ އިތުރުން އަންހެން އަދި ފިރިހެން ޓީމު އިވެންޓުތައް ކުރިއަށްދާނެއެވެ. މުބާރާތް ކުރިއަށްދާނީ ހުޅުމާލޭ ޝޫޓިން ރޭންޖުގައެވެ.