ނޮވެމްބަރު 3ގެ ޝަރަފުގެ ޚައްޞަ އައްޑަނަ، ފަސް ބޭފުޅަކަށް އަރުވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އެރުވީ، މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިރޭގެ ޖަލްސާގައި ޝަރަފުގެ އައްޑަނަ އަރުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ބޭފުޅުންނަކީ، 1988ވަނަ އަހަރު ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާއުގައި، ހިތްވަރާއި، ލާމަސީލު ނަމޫނާ ދެއްކެވި 5 ބޭފުޅަކަށެވެ.
1. ސާރޖަންޓް ފަސްޓް ކްލާސް، ރިޓަޔަރޑް އިބްރާހިމް ޝަރީފް: ސަރޖަންޓް ފަސްޓް ކްލާސް، ރިޓަޔަރޑް އިބްރާހިމް ޝަރީފަކީ 3 ނޮވެންބަރު 1988ގައި، ރެކީ ޕެޓްރޯލަށް ބޭރަށް ނުކުތުމަށް ނެންގެވި ސިފައިންގެ ތެރޭގައި ހިމެނިގެން، ޖެހިލުމެއް ނެތި ނުކުންނެވި ހިތްވަރުގަދަ ބޭފުޅެކެވެ. އެ މަނިކުފާނު ސިފަިއންގޭގައި ޚިދުމަތްކުރެއްވީ 4 ނޮވެމްބަރ 1981އިން 4 ޖެނުއަރީ 2012އަށެވެ.
2. ސްޓާފް ސާރޖަންޓް ރިޓަޔަރޑް، ޙުސައިން ޢަލީ: ސްޓާފް ސާރޖަންޓް ރިޓަޔަރޑް، ޙުސއިން ޢަލީ 3 ނޮވެންބަރު 1988ގެ ހަމަލާގައި އެއްވެސް ޖެހިލުމެއް ނެތި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވިއެވެ. ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގަތީ ފައިމަގުގައެވެ. ބޭރަށް ނުކުންނެވި ދެ ޓީމުގެ ތެރެއިން އެއް ޓީމުގެ ލީޑަރުކަން އެ މަނިކުފާނު ވަނީ އަދާކުރައްވާފައެވެ. 12 ނޮވެމްބަރ 1962އިން ފެށިގެން، 11 ނޮވެމްބަރ 2002އާ ހަމައަށް ސިފައިންގޭގައި އެ މަނިކުފާނު ޚިދުމަތްކުރެއްވިއެވެ.
3. ސާރޖަންޓް ޙުސައިން މަނިކު: ސާރޖަންޓް ޙުސައިން މަނިކުވަނީ ނޮވެމްބަރ 3ގެ ހަމަލާގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގަންނަވާފައެވެ. 18 ޖޫން 1979އިން 23 ނޮވެންބަރު 1998 އާއި ހަމައަށް ސާރޖަން ޙުސައިން މަނިކު ސިފައިން ގޭގައި ޚިދުމަތް ކުރެއްވިއެވެ.
4. ކޯޕްރަލް އަބްދުﷲ ނަސީމް: ކޯޕްރަލް އަބްދުﷲ ނަސީމަކީ 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާ ދިން އިރު ސިފައިންގެ އެތެރޭގައި ހުންނެވި ބޭކަލެކެވެ. ނަސީމަކީ ޓާސްކް ފޯސް ޓްރެއިނިން ހައްދަވާފައިވާ ބޭފުޅެކެވެ. ދުޝްމަނުން ސިފައިންގެ އަށް ހަމަލާދޭން ފެށުމާއެކު ހަތިޔާރު ނަންގަވާ ސިފައިންގެ ދިފާއު ކުރަން މަސައްކަތްކުރެއްވިއެވެ. އަދި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވިއެވެ. 6 ޖުލައި 1976އިން 30 ޑިސެންބަރު 1990އާ ހަމައަށް ސިފައިންގެއަށް ޚިދުމަތް ކުރެއްވިއެވެ.
5. ލާންސް ކޯޕްރަލް އަބްދުﷲ މުފީދު: އެ މަނިކުފާނަކީ، ނޮވެމްބަރ 3ގެ އުދުވާނީ ހަމަލާގައި ރެކީ ޕެޓްރޯލަށް ނިކުމެވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި 27 ފެބުރުވަރީ 1988އިން 11 ޖަނަވަރީ 1990އާ ހަމައަށް ސިފައިންގޭގައި ޚިދުމަތްކުރެއްވިއެވެ.
މީގެއިތުރުން، މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ލަވަ އަލްބަމް ނެރެދެއްވާފައެވެ. އަދި އެ އަލްބަމްގެ ބައެއް ލަވަތައް އެ ރަސްމިއްޔާތުގައި އިއްވާފައިވެއެވެ.