ޚަބަރު

ރާއްޖެއަށް އެއާ ބެޑްމިންޓަން ފުޅާކުރަން މަސައްކަތް ކުރާނަން: ބީއޭއެމް


  • މިކުޅިވަރު ތަރައްގީކުރެވިއްޖެނަމަ ރާއްޖެއަށް މުސްތަގުބަލުގައި ކާމިޔާބީ ހޯދޭނެ

  • އެއާ ބެޑްމިންޓަނަކީ ވޯލްޑް ބެޑްމިންޓަން ފެޑަރޭޝަނުން ބޮޑު އިސްކަމެއް ދީގެން ކުރިއަރުވަން މަސައްކަތް ކުރާ ކުޅިވަރެއް

އަމާޒަކީ ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކަށް އެއާ ބެޑްމިންޓަން ފުޅާކޮށް މުސްތަގުބަލުގައި މި ކުޅިވަރު އިތުރަށް ތަރައްގީކުރުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ރައީސް އިޝްފާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިޔަށް ގެންދިޔަ އެ އެސޯސިއޭޝަނުގެ ފުރަތަމަ އެއާ ބެޑްމިންޓަން މުބާރާތް ނިންމާލުމަށްފަހު ޕީއެސްްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި އިޝްފާން ވިދާޅުވީ މީ ދުނިޔޭގައި ވަރަށް މަޝްހޫރުވަމުން އަންނަ ކޮންސެޕްޓެއް ކަމަށެވެ.

އެހެންވީމަ މިކަހަލަ ފުރުސަތެއްގައި މައުރަޒުގެ ތެރެއިން މިކަހަލަ މުބާރާތެއް ބޭއްވުމަކީ ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“ރަށްރަށް އެކަންޏެއް ނޫން، ހަމަ ރިސޯޓުތަކުގައިވެސް މިކަހަލަ އިވެންޓުތައް ނުވަތަ މި ކަހަލަ ކޯޓުތައް އެޅިގެން ދިއުމަކީ ބެޑްމިންޓަން އޭގެ ޒާތުގައި އަންނަ ޓުއަރިސްޓުންނަށްވެސް ހަމަ އަތޮޅުތެރޭގައި މި އޮންނަ ލޯކަލް ޓޫރިޒަމާއި އަތޮޅުތެރޭގައި ކުދިންނަށް ވަރަށް ބޮޑުކާމިޔާބަކަށްވާނެ” އިޝްފާން ވިދާޅުވިއެވެ.

އެއާ ބެޑްމިންޓަންގެ ވޯލްޑް ކަޕްގައިވެސް ޗެމްޕިއަންކަން ހޯދަނީ ހަމައެކަނި ދުނިޔޭގެ އެންމެ ޓޮޕް ގައުމުތަކެއް ނޫންކަމަށާއި، އެގޮތުން ބްރެޒިލާއި ޔޫއޭއީ ފަދަ ގައުމުތަކުން ޕޯޑިއަމް ފިނިޝިންއާއި ހަމައަށް ފޯރާފައިވާކަމަށް އިޝާރާތް ކުރަމުން އިޝްފާން ވިދާޅުވީ ރާއްޖޭގައިވެސް މި ކުޅިވަރު ތަރައްޤީކުރެވިއްޖެނަމަ ކުރިޔަށް އޮތް މުސްތަގުބަލުގައި ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ވީވަރަކުން ރާއްޖޭގައި އެއާބެޑްމިން ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މިކަމުގައި ބެޑްމިންޓަބް ވޯލްޑް ފެޑެރޭޝަނުން ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށްވެސް އިޝްފާން ވަނީ ވިދާޅުވެފައެވެ.