ޚަބަރު

ދަނޑުމަތީ ލިބުނު އަނިޔާއަކާއެކު ޓެނެރީފޭގެ ފޯވަޑް ހޭސުސް މަރުވެއްޖެ


  • ހޭސުސް މަރުވީ އެންޑޯރާގެ ކީޕަރުގެ ކަކުލުން މޭމަތީގައި ޖެހި ލިބުނު އަނިޔާ އާއެކު

ސްޕެނިޝް ދެވަނަ ޑިވިޜަންގައި ސީޑީ ޓެރެނީފޭ އާއި އެފްސީ އަންޑޯރާގެ މެދުގައި ކުޅުނު މެޗުގައި ޓެރެރީފޭގެ ފޯވަޑް ހޭސުސް ޑެ މިގުއެލް އަލަމޭޑާ އާއި އެންޑޯރާގެ ކީޕަރު ހޭސުސް އޮވޯނޯ ޖެހި ލިބުނު އަނިޔާ އަކާއި ގުޅިގެން ހޭސުސް މަރުވެއްޖެއެވެ.

އިއްޔެ ކުޅުނު މިމެޗުގައި ހޭސުސްއަށް އަނިޔާވީ އެންޑޯރާ ހާފްގެ ތެރެއިން އޮވޯނޯ ބޯޅައެއް ދިފާއު ކުރުމުގެ ތެރޭގައި އޭނާގެ ކަކުލުން ހޭސުސްގެ މޭމަތީ ވަރަށް ބާރަށް ޖެހި ލިބުނު އަނިޔާ އާގުޅިގެންނެވެ. މިހާދިސާއާއެކު ހޭސުސް ދަނޑު މައްޗަށް ވެއްޓި ހަރަކާތެއް ނެތިފައިއޮތް އިރު ދެޓީމުގެ ކުޅުންތެރިންވަނީ އަވަހަށް ސިއްހީ އެހީ އަށް އެދި އިޝާރާތްކޮށްފައެވެ.

ހޭސުސްއަށް ދަނޑުމަތީ 5 މިނެޓް ވަންދެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މަޢުލޫމާތުލިބޭގޮތުގައި ހޭސުސްއަށްވަނީ ޖެހުނުލެއް ބާރުކަމުން ހާޓް އެޓޭކެއް ޖެހިފައެވެ. މިހާދިސާ އާއި ގުލިގެން އޮވޯނޯއަށް އެވަގުތުވަނީ ރަތް ކާޑު ދައްކާފައެވެ. މެޗުގެ އިތުރު ވަގުތުގެ 7 ވަނަ މިނެޓްގައި ހިނގި މިހާދިސާ އާއެކު މެޗުވަނީ ހުއްޓާލައިފައެވެ.

ހޭސުން މަރުވިކަން ހާމަކޮށްފައިވަނީ ޓެނެރީފޭއިން އާންމު ކުރި ބަޔާނެއްގައެވެ. އެކްލަބުން ބުނިގޮތުގައި މިއީ އެކްލަބަށް ވަރަށް ހިތާމަވެރި ވަގުތު ކޮޅެއް ކަމަށާއި އަދި މިއީ އެޓީމަށް ގަބޫލް ކުރަން ދަތި ބޮޑު ހިތާމައެއް ކަމަށެވެ.

ހޭސުސް މަރުވުމާއި ގުޅިގެން ސްޕެނިޝް ލަލީގާގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑްއިން ވެސް ވަނީ ހަމްދަރުދީ ފާޅުކޮށް އިހްތިރާމް އަދާކޮށްފައެވެ.

މިގޮތުން ބާސާއިން އާންމު ކުރި ބަޔާނުގައި އެޓީމުގެ ހަމްދަރުދީ ހޭސުސްގެ އާއިލާ އާއި ރައްޓެހިންނަށް ރައްދުކުރިއިރު މިހިތާމައިގައި އެހުރިހާ ފަރާތްތަކާއެކު ބާސާ އޮތް ކަން ހާމަކޮށްފައެވެ. އަދި ރެއާލްއިންވެސް ވަނީ ހޭސުސްގެ އާއިލާގެ އިތުރުން އޭނާގެ ޓީމް މޭޓުންނާއި ކްލަބަށްވެސް ހަމްދަރުދީ ފާޅުކޮށްފައެވެ.