އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އުޅޭއިރު ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅެނީ ހިއުސްޓަން ރޮކެޓްސްއެވެ.
މިމުބާރާތުގައި ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު ސިކްސަރސް ކާމިޔާބު ކޮށްފައިވަނީ 126 ޕޮއިންޓް 107 ޕޮއިންޓުންނެވެ. ފިލަޑެލްފިއާގެ އެކްސްފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗުގައި ފެށުނީއްސުރެ ނިމެންދެން ލީޑުގައި އުޅުނީ ސެވަންޓީ ސިކްސަރސްއެވެ. މިގޮތުން ފުރަތަމަ ހާފް ނިންމާލިއިރު 5 ޕޮއިންޓްގެ ލީޑެއްގައި ސެވަންޓީ ސިކްސަރސް އުޅުނު އިރު ދެވަނަ ހާފްގައި ދެއްކި މޮޅު ކުޅުމާއެކު ސިކްސަރސް މެޗު ނިންމާލީ 19 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގައިދީ 11 އެސިސްޓް ކުރި ޓައިރީސް މެކްސޭއެވެ. މީގެއިތުރުން ޖޭލެން ބްރައުން 25 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 5 އެސިސްޓް ކުރިއިރު ވީޖޭ އެޖްކޯމްބްވަނީ 21 ޕޮއިންޓް ހޯދައިދީފައެވެ. ބުލްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ 4 އެސިސްޓް ކުރި ސެލެބް ވިލްސަންއެވެ.
މިމުބާރާތުގައި ރޮކެޓްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު 109 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ރޮކެޓްސްއެވެ. ހިއުސްޓަންގެ ޓޮޔޯޓާ ސެންޓަރގައި ކުޅުނު މިމެޗުގެ ފުރަތަމަ ކުއާޓަރގައި ދެޓީމު ހަމަހަމަ ކުޅުމެއް ދެއްކިއިރު ދެވަނަ ކުއާޓަރގައި ރޮކެޓްސްވަނީ 7 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ދެވަނަ ހާފްގައި އިތުރު 9 ޕޮއިންޓްގެ ލީޑެއް ނަގާ މެޗު ނިންމާލީ 16 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގައި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ 10 އެސިސްޓް ކުރި އަލްޕެރެން ސެންގުންއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދީ 9 އެސިސްޓް ކުރި ޖޭސަން ޓެޓުމްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 103 ޕޮއިންްޓް 90 ޕޮއިންޓުން ނިކްސް ކާމިޔާބު ކުރިއިރު ލޮސް އެންޖަލިސް ލޭކަރސް އާއި މައާމީ ހީޓް ބައްދަލުކުރި މެޗު 138 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކަރސްއެވެ. އަދި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 113 ޕޮއިންޓުން ވޮރިއަރސް ކާމިޔާބު ކޮށްފައިވާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޓްރެއިލް ބްލޭޒަރސްއެވެ.