ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މިހާރުގެ ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަވަސްކުރަންޖެހޭ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިމަހުގެ 1އިން 4އަށް ކުރިއަށްދާ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ މެންބަރުން ހިއްސާވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިޖާބަދޭ ކުރިއަރާފައިވާ ޖަމާއަތަކަށް ވެގެން ކަމަށްވެސް ވިދާޅުވިއެވެ.
Minister @IruthishamAdam called for stronger multilateral cooperation, including on climate resilience, and a Commonwealth in which every member has an equal voice and the opportunity to promote its aspirations and contribute meaningfully to our collective future.
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 3, 2026
#CHOGM2026 https://t.co/aStWy0RH2y
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދީ ދެމެހެއްޓެނިވިކަމާއި ދިފާއީ ބާރު ވަރުގަދަކުރުމަށް މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މިހާރުގެ ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަވަސްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، ގައުމުގެ ސައިޒަށާއި ގާބިލުކަމަށް ބެލުމެއްނެތި، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައްޔާއި، އިސް ދައުރުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަކަށް ހަމަހަމަ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވިއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ހުރިހާ ގައުމުތަކެއްގެ ފައިދާއަށްޓަކައި އެ ޖަމާއަތާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.
ޗޮގަމް ސަމިޓް ރަސްމީކޮށް ފެށުމުގެ ކުރިން ބާއްވާ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ، މެންބަރު ގައުމުތަކުގެ ފާގަތިކަމާއި ކުރިއެރުމަށް ގުޅުންތައް ބަދަހިކުރުމަށް ޚާރިޖީ ވަޒީރުންނަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ވަޒީރު އިރުތިޝާމް ވަނީ، ބައެއް ކުދި ޖަޒީރާ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އެންޓީގާ އެންޑް ބާބިއުޑާ، ސޮލޮމޮން އައިލެންޑްސް އަދި ގްރެޑާގެ ވަޒީރުންނާ ބައްދަލުކުރައްވާ، ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.