ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އުދުވާނުގެ ހަޤީޤަތްތައް އޮޅުވާލައި، ކުށެއްނެތް އާންމު ރައްޔިތުންނަކީ 'ޓެރަރިސްޓުން' ކަމުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށް، ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނުގެ އޮފީހުގައި ކުރިން މަސައްކަތްކުރި އާޔެލެޓް ކްރޮއިޒަރ އިއުތިރާފުވެއްޖެއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ޔަހޫދީންގެ އަސްކަރީ ޖަރީމާތަކާއި އަނިޔާވެރިކަން ދުނިޔެއަށް ހާމަކުރުމުގައި ހަރަކާތްތެރިވާ 'ބްރޭކިންގ ދަ ސައިލެންސް' ޖަމްއިއްޔާގެ ތަރުޖަމާނުގެ މަޤާމާ ހަވާލުވުމަށްފަހު، އެކްސް މެދުވެރިކޮށް ޝާއިއުކުރި ބަޔާނެއްގައެވެ.
ކްރޮއިޒަރ ފާހަގަކުރި ގޮތުގައި، ޔަހޫދީ އަސްކަރިއްޔާގެ މީޑިއާ ބައިން އިސްކަންދެނީ ބައިނަލްއަޤްވާމީ މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމަށާއި ޤާނޫނީ ގޮތުން ކުރިމަތިވެދާނެ ފިއްތުންތަކުން ސަލާމަތްވުމަށްޓަކައި މައިދާނުގެ ޙަޤީޤީ މައުލޫމާތުތައް އޮޅުވާލުމަށެވެ. އެގޮތުން، ގިނަ އަދަދެއްގެ އާންމުން ޝަހީދުވާ ބޮޑެތި ހަމަލާތަކަށްފަހު، އެކަންކަމަކީ ކުޑަ ކުށެއްގެ ގޮތުގައި ދައްކައި، ދޮގު ބަޔާންތައް ނެރުމަކީ އަސްކަރިއްޔާއިން އާންމުކޮށް ގެންގުޅޭ އުސޫލެއް ކަމަށް އޭނާ ބުންޏެވެ.
އޮކްޓޯބަރު 2023 ގައި ޔަހޫދީން ފެށި މި ޤަތުލުއާންމުގައި މިހާތަނަށް ފަލަސްޠީނުގެ 74،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 175،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އަދި އދ. ގެ ރިޕޯޓުތައް ދައްކާގޮތުން ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ބިމާ ހަމަކޮށްފައެވެ.
ކްރޮއިޒަރ ބުނި ގޮތުގައި، ހަނގުރާމައިގެ މައިދާނުން ފެނިގެންދިޔަ ލާއިންސާނީ މަންޒަރުތަކުގެ ސަބަބުން، އިތުރަށް ހަނުހުރުމަކީ އިންސާނީ ޟަމީރު ޤަބޫލުކުރާ ކަމެއް ނޫނެވެ. އަދި މި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، އަސްކަރިއްޔާއިން ފޮރުވަން މަސައްކަތްކުރާ ގަޤީޤަތްތައް ހާމަކުރުމަށް އެހެން ސިފައިންނަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.