މިމަހު ބަންގްލަދޭޝްގައި ފަށާ ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ޓެކޯ ސާފް ޗެމްޕިއަންޝިޕް 2026"ގެ ހުރިހާ މެޗެއް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ލައިވް ކުރަން ނިންމައިފިއެވެ.
މި ފަހަރުގެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހަށެވެ. މި މުބާރާތުގެ މެޗުތައް ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށްދާއިރު، ގްރޫޕް "އޭ" ގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް، ބޫޓާން އަދި ސްރީލަންކާއެވެ. ގްރޫޕް "ބީ"ގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިއާ އަދި ޕާކިސްތާނެވެ.
މި މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ. އެ މެޗުގައި ރާއްޖޭން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭން ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ ދެކޮޅަށެވެ.
މި ފަހަރުގެ މުބާރާތް ޕީއެސްއެމް އިން ލައިވް ކުރަން ނިންމާފައިވާއިރު، ރާއްޖެ ކުޅޭ މެޗުތަކުގެ ޕްރީ ޝޯވ ގެނަސްދިނުމަށްވެސް ވަނީ ނިންމާފައެވެ.
ރާއްޖޭން މި މުބާރާތައް ތައްޔާރުވާން ގައުމީ ފުޓުބޯޅަ ޓީމުން އިންޑޮނޭޝިއާގައި ކޭމްޕް ކުރިއިރު، ކޭމްޕަށްފަހު ގައުމީ ފުޓުބޯޅަ ޓީމުން ވަނީ ހޯމަ ދުވަހުގެރޭ ރާއްޖެ އައިސްފައެވެ. އަދި ބުދަ ދުވަހު ރާއްޖޭން މުބާރާތައް ބަންގްލަދޭޝް އަށް ފުރާނެއެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. ރާއްޖެއިން މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރިއިރު، ރާއްޖެއަށް ސާފްގެ ޗެމްޕިއަންކަން ފުރަތަމަ ލިބުނީ ރާއްޖެއާ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. އެ ފަހަރުގެ ފައިނަލް މެޗު ލަންކާގައި ކުޅުނުއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ 1-0 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްފައެވެ.
މީގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގް ވިދާޅުވީ މި މުބާރާތައް ރާއްޖެއިން ނުކުންނައިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެއަކީ ފޭވަރިޓުންގެ ގޮތުގައި ނުގުނާނެ ކަމަށެވެ. އެކަމަކު މި ފަހަރުގެ މުބާރާތައްވެސް ރާއްޖެއިން ނުކުންނާނީ ތައްޓަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ކަމަށް ތޯރިގް ވިދާޅުވިއެވެ.
ރާއްޖެއިން މި މުބާރާތައް ނުކުންނާނީ ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.