ޚަބަރު

އެލްޖީއޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ: ދެ ގޮނޑި ޕީއެންސީއަށް


  • ކައުންސިލްތަކުން، ޕީއެންސީގެ އަލީ އަހުމަދަށް، 314 ވޯޓު، އެމްޑީޕީގެ އަލީ ޒާފިރަށް 227 ވޯޓު

  • ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން، ޕީއެންސީގެ މަރިިޔަމް ޒީނާއަށް، 93 ވޯޓު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރައްވައިފިއެވެ.

އެލްޖީއޭއިން މިއަދު އިޢުލާން ކުރި ދާއިމީ ނަތީޖާއިންވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ އަށް އެއްވެސް ބަދަލެއް ނާދެއެވެ. ހޮނިހިރު ދުވަހު ބޭއްވި ދެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެވެ.

ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށް ވުމާއެކު އޭނާ ވަނީ އިންތިޚާބަކާއި ނުލައި އެ މަޤާމަށް ހޮވިފައެވެ.

ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ އަލީ އަހުމަދު އިންތިޚާބުވެވަޑައިގަންނަވާފައިވަނީ އެމްޑީޕީގެ އަލީ ޒާފިރުއާ ވާދަކުރައްވައިގެންނެވެ.
އެގޮތުން ޕީއެންސީގެ ކެނޑިޑޭޓް އަލީ އަހުމަދުއަށް، 314 ވޯޓު އަދި އެމްޑީޕީގެ ކެނޑިޑޭޓް އަލީ ޒާފިރަށް 227 ވޯޓު ލިބިވަޑައިގަންނަވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުވެވަޑައިގަތް ޕީއެންސީގެ ކެނޑިޑޭޓް މަރިިޔަމް ޒީނާއަށް، 93 ވޯޓު ލިބިވަޑައިގަތެވެ. އަދި
އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 182 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރެއިން 160 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ 87 އިންސައްތައެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ވަނީ ލިބިފައެވެ. އޭގެތެރެއިން 706 މީހަކު ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ.