ޚަބަރު

ޔޫތު އޮލިމްޕިކްސް: ލޫތުގެ ފުރަތަމަ އިވެންޓް ނިންމާލައިފި


  • ލޫތު ހީޓް އެކެއް ނިންމާފައިވަނީ ހަ ވަނައިގަ

  • ޔޫތު އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނީ ލޫޠު އަދި ތަޒްކިޔާ

  • މުބާރާތް ކުރިއަށްދަނީ ސެނެގާލްގެ ވެރިރަށް ޑާކާގައި

ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ ފެތުމުގެ ފިރިހެނުންގެ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ރާއްޖޭގެ ލޫތު މުހައްމަދު ހުސައިން ވާދަކޮށްފިއެވެ.

މުބާރާތުގައި ލޫތުގެ ފުރަތަމަ އިވެންޓްގައި ހޯމަ ދުވަހު އޭނާ ވާދަކުރީ ހީޓް އެކެއްގައެވެ. އެ ހީޓް ދެ މިނެޓް، 43.86 ސިކުންތުން އޭނާ ފުރިހަމަކޮށްފައިވާއިރު، ލޫތަށް އެ ހީޓުން ލިބިފައިވަނީ ހަވަނަ އެވެ. އަދި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ލިތުއޭނިއާގެ ޑޯމަސް ވިލިމާސްއެވެ. ވިލިމާސް ރޭސް ނިންމާފައިވަނީ ދެމިނެޓް 14 ސިކުންތުންނެވެ.

ފިރިހެނުންގެ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑު މިހާރުވެސް ދަމަހައްޓަމުން އަންނަނީ ލޫތު އެވެ. އޭނާ އެ ރިކޯޑް ހަދާފައިވަނީ މިދިޔަ އަހަރު ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި ވާދަކޮށްގެންނެވެ. އޭނާ ރިކޯޑް ހަދާފައިވަނީ ދެމިނެޓް، 41.02 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުންވެސް ލޫތަކީ ގައުމީ ފެތުމުގެ އިތުރު ރެކޯޑުތަކެއް ހަދާފައިވާ އުންމީދީ ފެތުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

ޔޫތު އޮލިމްޕިކްސް ލޫތުގެ ކުރިއަށް އޮތީ 100 މީޓަރު ފިރިހެން ބްރެސްޓްސްޓްރޯކް އިވެންޓެވެ.

މިމުބާރާތުގައި ރާއްޖޭން ވާދަކުރަނީ ހަމައެކަނި ފެތުމުގައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ލޫތު މުޙައްމަދު ހުސެއިންގެ އިތުރުން އަމްނާ ތަޒްކިޔާ މިރުސާދުއެވެ. މިމުބާރާތުން މި އެތުލީޓުންނަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ރޮމޭނިއާގައި ކުރިއަށްދިޔަ ޔޫތު ޗެމްޕިއަންޝިޕުގައި ބައިވެރިވެ، ދެއްކި ޕާފޯމެންސަށް ބަލާފައެވެ. މި އެތުލީޓުން މުބާރާތަށް ތައްޔާރުވެފައިވަނީ ކޯޗު އަހުމަދު ފިރާސްގެ އިރުޝާދުގެ ދަށުންނެވެ.
ޔޫތު އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްތައް ކުރިއަށް ދަނީ ޑާކާ އެކުއެޓިކްސް ސެންޓަރުގައެވެ.