ޚަބަރު

އިންޑޮނޭޝިއާގެ ވިހަ ދުމުގެ ސަބަބުން އަވަށްޓެރި ގައުމުތައް ނުރައްކަލަކަށް


އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރު ސިންގަޕޫރާއި މެލޭޝިއާއަށް ފޯރައި، އެ ގައުމުތަކުގެ އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިންޑޮނޭޝިއާގެ ކަލިމަންތާން، ޕަޕުއާ އަދި ސުމަތުރާގެ ޖަންގަލިތަކުގައި ރޯވި މި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ހުރަސްއެޅިފައިވަނީ، ކާށި ތެޔޮ އުފެއްދުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތުގެ އިތުރުން، "އެލް ނީނޯ" މޫސުމީ ބަދަލާ ގުޅިގެން ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުންނެވެ.

'އެލް ނީނޯ' މޫސުމީ ބަދަލާ ގުޅިގެން އުފެދުނު ހަނަފަސްކަމުގެ ސަބަބުން 1.9 މިލިއަން ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް ވެފައިވާއިރު، އަލިފާން ނިއްވުމަށާއި ހާލަތު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ 72،000 އޮފިޝަލުންނާއި 2،100 އަށްވުރެ ގިނަ ޑޮކްޓަރުން ހަރަކާތްތެރިކޮށް، އާންމުންނަށް 5.3 މިލިއަން މާސްކު ބަހާފައެވެ.

މި ކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އިތުރުވަމުން ދާތީ، ސިންގަޕޫރު ސަރުކާރުން ވަނީ މި މައްސަލަ އާ ގުޅުންހުރި ކުންފުނިތަކާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި ވަރުގަދަ އިންޒާރެއް ދީފައެވެ.

ނަމަވެސް، މި ވިސްނުމާ ދެކޮޅަށް އިންޑޮނޭޝިއާއިން ވަނީ ސިންގަޕޫރަށް ފޯރުކޮށްދޭ ގޭހުގެ މިންވަރު މަދުކޮށް، ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުމަށް ބުރޫއަރާފަދަ ފިޔަވަޅެއް އަޅައިފައެވެ.

މެލޭޝިއާގައި ވެސް އާންމުން ދަނީ އިންޑޮނޭޝިއާގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލައި، އަޑުއުފުލަމުންނެވެ.

ނަމަވެސް، މި މައްސަލައިގައި މެލޭޝިއާ ސަރުކާރުން އަދި ގެންގުޅެނީ ސިޔާސީ ގުޅުން ގޯސްވިޔަނުދީ، މަޝްވަރާގެ އުސޫލުން ސުލްހަވެރި ހައްލެއް ހޯދުމުގެ ވިސްނުމެކެވެ.