ޚަބަރު

ނޭޕާލުގައި ދެ ހެލިކޮޕްޓަރު ޖެހި އިންޑިއާގެ ފަތުރުވެރިއަކު މަރުވެއްޖެ


ނޭޕާލުގެ ސޮލުކުމްބޫ ސަރަހައްދަށް ޖައްސަން އުޅުމުގެ ތެރޭގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިންޑިއާގެ ފަތުރުވެރިއަކު މަރުވެ، އިތުރު ތިން މީހަކު ޒަހަމްވެއްޖެއެވެ.

ނޭޕާލުގެ "ދަ ކަތުމަންޑޫ ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ހުމްބޫ ޕަސަންގް ލަހާމޫ ރޫރަލް މުނިސިޕަލިޓީގެ 4 ވަނަ ވޯޑުގައި ހިމެނޭ ފެރިޗޭގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ "އެއަރ ޑައިނަސްޓީ" އަދި "ފިޝްޓެއިލް އެއަރ" އިން އޮޕަރޭޓްކުރަމުން ދިޔަ ދެ ހެލިކޮޕްޓަރު ޖެހިގެންނެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ، މި ހާދިސާގައި މަރުވެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތެއްކަން އެނގިފައިވީ ނަމަވެސް، އެމީހާގެ ފުރިހަމަ ވަނަވަރު އަދި މުޅިން ސާފުނުވާ ކަމަށެވެ.

އަދި އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހާދިސާ ހިނގި ވަގުތު އެކަކު މަރުވެފައިވާ ކަމަށާއި، އަނިޔާވި އިތުރު މީހަކު މިހާރު ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށެވެ.

ހިމާލިޔާގެ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ފެރިޗޭގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި މީހާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި، "ޕްރަބޫ އެއަރ" ގެ ހެލިކޮޕްޓަރެއްގައި މިހާރު ވަނީ ލުކްލާއަށް ގެންގޮސްފައެވެ. ނަމަވެސް، އަނިޔާވި މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ދެ ހެލިކޮޕްޓަރުގައި ތިބި އެހެން ފަސިންޖަރުންނާއި ފަޅުވެރިންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.