ވޮލީބޯލް އެސޯސިއޭޝަން ކަޕާއި، ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ޖޫޒާން ޒަރީރު، އެ ތިން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މުޅި ވެމްކޯ ޓީމުން ކުރި މަސައްކަތުން ކަމަށް ބުނެފިއެވެ.
މި ފަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް ކާމިޔާބުކުރީ ވެމްކޯއިންނެވެ. މި ތިން މުބާރާތް ވެމްކޯއިން ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. އޭގެ ތެރެއިން އެސޯސިއޭޝަން ކަޕު ވެމްކޯއިން ކާމިޔާބުކުރި މިއީ ހަވަނަ ފަހަރެވެ. އަދި ގައުމީ މުބާރާތް ވިދިވިދިގެން ވެމްކޯއިން ކާމިޔާބުކުރި މިއީ ފަސްވަނަ ފަހަރެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ޖޫޒާން ބުނީ، މިއީ ވެމްކޯއަށް ހާއްސަ އަހަރެއް ކަމަށެވެ. އެގޮތުން މިއީ ވަރަށް ދުވަހުން ވެމްކޯ ޓީމަށް ހާސިލްވި ކާމިޔާބީއެއް ކަމަށާއި، ކާމިޔާބު ލިބުމުގެ އަސްލަކީ ކުޅުންތެރިންނާ ކޯޗުން ގުޅިގެން ކުރި މަސައްކަތް ކަމަށެވެ. އަދި ވެމްކޯއިން އަންނަ ސީޒަނަށް ނުކުންނާނީ މި ކާމިޔާބީ ތަކުރާރުކުރަން ކަމަށް ޖޫޒާން ބުންޏެވެ.
ވެމްކޯއިން ތިން މުބާރާތް ކާމިޔާބުކުރިއިރު، މި ތިން މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔަކީ ޖޫޒާންއެވެ. ޖޫޒާން ބުނީ ތިން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ. އެކަމަކު، އެ އެވޯޑްގެ ހައްގުވެރިޔަކީ އޭނާ އެކަނި ނޫން ކަމަށާއި، ތިން މުބާރާތުގެ މޮޅު ކުޅުންތެރިޔާ މަގާމުގެ އެވޯޑް ހާއްސަ ކުރާނީ މުޅި ވެމްކޯ ޓީމުގެ ކުޅުންތެރިންނަށް ކަމަށެވެ.
ޖޫޒާން އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެވެ. ގައުމީ ޓީމު އަދި ވެމްކޯ އިން މި ފަހަން ހޯދި ހުރިހާ ކާމިޔާބީއެއްގައި ޖޫޒާންގެ ހިއްސާ ބޮޑެވެ.