ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޝޫޓަރުން މުބާރާތަށް ތައްޔާރުވެއްޖެއެވެ.
މިމަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026ގައި ވާދަކުރާ އެތުލީޓުން މުބާރާތަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމްކޮށްފައިވާ ޝޫޓިން ރޭންޖްގައި މުބާރާތުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، އެތުލީޓުން ތަމްރީނުކުރުމުގައި ހަރަކާތްރެރިވަނީ ޝޫޓިން އެސޯސިއޭޝަނުގެ ކޯޗުންނެވެ. އޭގެ އިތުރުން ޤައުމީ ޝޫޓިން ޓީމުގެ ޒުވާން ޝޫޓަރުންވެސް އައު އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރޭންޖްގައި ހަރަކާތްތެރިވެއެވެ.
ޝޫޓަރުންނަށް ކުރިއަށްދިޔަ ޓްރޭނިން ސެޝަނެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝޫޓިން އެސޯސިއޭޝަނުގެ ހެޑް ކޯޗް ހަސަން ޢަބްދުލްޣަފޫރް ބުނީ ފަރިތަކުރުންތަށް ވަރަށް ފޯރީގައި ކުރިއަށްދާކަމަށެވެ.
މުބާރާތުގައި އަލަށް ވާދަކުރާ ކުދިންނަށް އިތުރު ވަގުތުދީގެން މުބާރާތަށް ތައްޔާރުކުރަމުން އަންނަކަމަށާ، ހޮނިހިރު ދުވަހު ފަށާ މުބާރާތަށް އެތުލީޓުން މިހާރު ތިބީ ތައްޔާރުވެފަކަން ހަސަން ފާހަގަކުރިއެވެ.
"ގައުމީ މުބާރާތުގެ ފަރިތަކުރުންތައް ކުރިއަށް މިދަނީ. އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ އަންނަ އައު ކުދިންނަށް އެބަޖެހޭ ފަރިތަކުރުންތަކަށް ގިނަ ވަގުތުތައް ދޭން. އެހެންވީމަ އެބައި ކުރިއަށްދަނީ" ކޯޗް ބުންޏެވެ.
ހަސަން ބުނީ މިއަހަރަކީ މުބާރާތުގައި މުޅިން އަލަށް ޕެރަ ޝޫޓަރުން ވާދަކުރާ އަހަރަށްވުމުން، މުބާރާތް އިތުރަށް ޚާއްސަވާނެކަމަށެވެ. ޕެރަ އެތުލީޓުން މުބާރާތަށް ތައްޔާރުކުރުމުގެ ކަންކަން މިދިޔަމަހު ކުރީކޮޅު ފަށާފައިވާއިރު، ކުރިން ލަފާނުކުރެވުނު، ގިނަ ގޮންޖެހުންތަކެއް ދިމާވިކަން ކޯޗް ފާހަގަކުރިއެވެ.
މައިގަނޑު ގޮންޖެހުމަކަށްވީ ވީލް ޗެއާ އެތުލީޓުންނަށް އެކަށީގެންވާ ޖާގަ ރޭންޖުގައި ނެތުންކަމަށްވާއިރު، ކުރިއަށް އޮތްތަނުގައި އެކަންކަމަށް ހައްލެއް ގެނެސް ޕެރަ ކެޓަގަރީ އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރާނެކަމަށް ކޯޗް ބުނެފަވެއެވެ.
މުބާރާތުގައި އެކ އުމުރުފުރާތަކުން ވާދަކުރާއިރު، މުބާރާތުން ފެނިގެންދާނެ އެންމެ ހަގު އުމުރުފުރާއަކީ އުމުރުން 12 އަހަރުގެ އުމުރުފުރާއެވެ.
މުބާރާތުގައި އަލަށް ވާދަކުރާ ބައެއް ކުދިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާފައިވާއިރު، ކޮންމެ އެތުލީޓަކުވެސް ބުނެފައިވަނީ ފަރިތަކުރުންތައް ދާގޮތާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާނީ ރަނގަޅު ވަނައަކަށް އަމާޒުކޮށްގެންކަމަށާ މިއީ ވަރަށް ޝައުގުވެރި ކުޅިވަރެއްކަމަށް އަލަށް ޝޫޓިންއާ ގުޅުނު އެތުލީޓުން ފާހަގަކޮށްފަވެއެވެ.
ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީ މިއަހަރު މުބާރާތުގައި ހިމަނާފައިވާއިރު، މުބާރާތުގައި ހިމެނޭ އިތުރު ކެޓަގަރީތަކުގެ ތެރޭގައި ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމެނެއެވެ.
އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމްގެ އިތުރުން އަންހެން އަދި ފިރިހެން ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.