ބެލޮން ޑިއޯގެ ޓްރޮފީއަށް ވުރެ ޔުއޭފާ ޗެމްޕިއަންސް ލިގުގެ ތަށި ކާމިޔާބު ކުރުން މާ މުހިންމު ކަމުގައި ޖަރުމަނު ބުންޑެސްލިގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުންދާ އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި ސްޕެނިޝް ލަލީގާގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ކޭން ބުނީ އޭނާގެ ހުރިހާވެސް ވިސްނުމެއް މިހާރު ހުރީ ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ބަޔާނާއެކު ކާމިޔާބު ކުރުން ކަމަށެވެ. ކޭން ބުނީ ކޮންމެ ކުޅުންތެރިޔަކުވެސް ފުޓުބޯޅަ ކުޅެނީ ޓީމާއެކު ހޯދާ ތަށިތައް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ކޭން ބުނީ މިދިޔަ ހަފްތާގައި ބެލޮން ޑިއޯ ލިބުން ވެގެންދިޔައީ އޭނާގެ ހަޔާތުގައި މިހާތަނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ދުވަހަށް ކަމަށެވެ. އަދި ބެލޮން ޑިއޯ އާއި ޗެމްޕިއަންސް ލީގަށް ބަލާއިރު އޭނާ އިސްކަންދޭނީ ޗެމްޕިއަންސް ލީގަށް ކަމަށާއި ނަމަވެސް މިފުރުސަތުގައި އޭނާއަށް ބެލޮން ޑިއޯއާއެކު ޗެމްޕިއަންސް ލީގުގެ ތަށްޓަށް ވާދަކުރުމުގެ ފުރުސަތު މިވަނީ ލިބިފައިކަމަށާއި އެހެން ކަމުން މިހާރު ބޭނުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށެވެ. އަދި ބަޔާނާއެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުން ވެގެންދާނީ ބެލޮން ޑިއޯ ލިބުމަށްވުރެ އުފާވެރި އިހްސާސެއް ކުރެވޭނެ ދުވަހަކަށް ކަމަށް އޭނާ ބުންޏެވެ.
އުމުރުން 33 އަހަރުގެ ކޭން އަކީ 2001 ވަނަ އަހަރަށް ފަހު ބެލޮން ޑިއޯގެ އެވޯޑް ލިބިގެންދިޔަ އިނގިރޭސިވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއެވެ. ހަމައެއާއެކު ބަޔާންއަށް ނިސްބަތްވާ ކުޅުންތެރިޔަކަށް އެންމެ ފަހުން މި އެވޯޑް ލިބިފައިވަނީ 1981 ވަނަ އަހަރު ކާލް ހެއިންޒް ރުމެނިގަރ އަށެެވެ. ބަޔާން އާއި އެކުލަބްގެ ސަޕޯޓަރުންވަނީ މިދިޔަ ހަފްތާ ބަންދުގައި ކުޅުނު ޑަރ ކްލަސިކަރގެ ކުރިން އެކަން ފާހަގަ ކޮށްފައެވެ.
ކޭންގެ ވާހަކައިގާ އޭނާ ވަނީ ބަޔާން އާއި ދެކޮޅަށް ނިކުންނަ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމޯނީގެ ފަރާތުން ލިބިގެންދިޔަ ތައުރީފަށް ޝުކުރުވެސް އަދާކޮށްފައެވެ. ކޭން ބުނީ ސިމޯނީ ފަދަ ކޯޗެއްގެ ފަރާތުން އޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކުން އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެތުލެޓިކޯ މެޗު ބަޔާން އަށް ފަސޭހަ ނުވާނެ ކަމަށާއި އެހެން ކަމުން ބަޔާންއިން މިމެޗަށް މުރިހަމައަށް ތައްޔާރުވެފައިތިބުން މުހިންމު ކަމަށެވެ.
މިމެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ސިމޯނީވަނީ ކޭންއަށް މަރުހަބާ ކިޔުމުގެ އިތުރުން ކޭންއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ސިމޯނީ ބުނީ ބަޔާން އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި މިރޭ ނިކުންނައިރު އެޓީމުގެ ސަޕޯޓަރުންގެ އެހީތެރިކަން ޓީމަށް ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށާއި ސަޕޯޓަރުންގެ ތާއީދާއެކު މިމެޗުގައި ރަނގަޅު ކާމިޔާބީ އެއް ހޯދިދާނެކަމަށް ސިމޯނީ ހާމަކުރެއެވެ.