ކުޅިވަރު

ރޯމާ މެޗަށް ޔުނައިޓެޑް އޮތީ ފުރިހަމައަށް ތައްޔާރަށް: ކެރިކް


  • ކެރިކްގެ މުސްތަޤުބަލާމެދު ވާހަކަ ދައްކަން އޭނާ ބޭނުމެއް ނުވޭ

ފަހަކަށް އައިސް މެންޗެސްޓަރ ޔުނައިޓެޑަށް ކުރިމަތިވެފައިވާ މައްސަލަ ތަކާއެކުވެސް ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ އިޓާލިއަން ސެރީއާގެ އޭ އެސް ރޯމާ އާއި ދެކޮޅަށް ކުޅޭ މެޗަށް އޭނާގެ ޓީމު ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ކެރިކް ބުނީ އޭނާގެ ޓީމު މިހާރު އޮތް ހާލަތުން މިފަދަ މެޗަކާއި ކުރިމަތިލާން ބޭނުން ނުވެދާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ޔުނައިޓެޑު އޮތީ މިމެޗާއި ކުރިމަތިލާން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

މިރޭގެ މެޗާއި ކުރިމަތިލާއިރު ޔުނައިޓެޑު ވަނީ އެޓީމު އެންމެ ފަހުން ކުޅުނު 9 މެޗުން މޮޅުވެވޭގޮތް ނުވެފައެވެ. މިއީ 1988-1989 ވަނަ އަހަރުގެ ސީޒަނަށް ފަހު އެޓީމަށް ކުރިލާން ޖެހުނު އެންމެ ބޮޑު އަޑިގަނޑެވެ. އަދި 1977-1978 ވަނަ ސީޒަނަށް ފަހު މިހާތަނަށް ޖެހިޖެހިގެން 10 މެޗުން މޮޅުނުވެ ގޮސްފައެއް ނުވެއެވެ. އެހެން ކަމުން މިރޭ ރޯމާ އާއި ދެކޮޅަށް ކުޅޭ މެޗަކީ ޔުނައިޓެޑުގެ އިތުރުން ކެރިކަށް ވަރަށް މުހިންމު މެޗެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް އިންޓަރނޭޝަނަލް ބްރޭކުގައި ޔުނައިޓެޑުގެ ކޯޗު ކަމުން ކެރިކް ވަކިކުރާނެއެވެ.

ކެރިން ބުނީ އޭނާއަށް މުސްތަޤްބަލުގައި ވާނެގޮތެއް ކިޔައިދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެނގޭ ކަމަކީ ރޯމާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ އެމެޗުން ނަތީޖާއެއް ނެރުމަށް އޭނާ އާއި އޭނާގެ ކުޅުންތެރިން ތައްޔާރަށް ތިބި ކަމެއެވެ. އަދި މެޗުގެ ނަތީޖާ ކޮންމެ ގޮތަނަށް މިމެޗުގައި ދިޔަ ނަމަވެސް ޔުނައިޓެޑުން އެމެޗަށް ނިކުންނާނީ ރަނގަޅު ކާމިޔާބީއެއް ހޯދާ އެޓީމަށް ބޮޑު ރެޔަކަށް ހެދުމަށްކަމަށެވެ.

މިމެޗަށް ނިކުންނައިރު ރޯމާ އަކީ މިސީޒަންގައި ސެރީއާގައި މިހާތަނަށް މެޗަކުން ބަލިނުވާ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އަދި ޗެމްޕިއަންސް ލީގުގައިވެސް މިހާތަނަށް ބަލިވެފައިވަނީ އެންމެ ފަހުން ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެހެން ކަމުން މިމެޗު ވާނީ ޔުނައިޓެޑަށް ވަރަށް އުނދަގޫ މެޗަކަށެވެ. ނަމަވެސް މިމެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ލިބިގެންދާނެ އިތުބާރުވެސް ބޮޑުވެގެންދާނެއެވެ.