ޚަބަރު

ސާފް ޗެމްޕިއަންޝިޕް: ޑާކާއަށް ދިޔަ ފުރަތަމަ ޓީމަކީ ބޫޓާން


  • ބޫޓާނަކީ މުބާރާތަށް ޑާކާ އަށް ދާ 5 ގައުމުގެ ތެރެއިން ދިޔަ ފުރަތަމަ ގައުމު

  • މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލް

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ބޫޓާންގެ ގައުމީ ޓީމު ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހިނގައްޖެއެވެ.

ބޫޓާނަކީ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަށް ޑާކާ އަށް ދާނެ ފަސް ގައުމުގެ ތެރެއިން ދިޔަ އެންމެ ފުރަތަމަ ގައުމެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގައެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި ބޫޓާން ހިމެނެނީ ބަނގްލަދޭޝް ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.

މިހެންކަމުން މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުން ވެސް ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ޑާކާ އަށް ޖަމާވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ބޫޓާނަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވެސް އެންމެ ނަތީޖާ ދަށް ގައުމެވެ. އެ ގައުމަށް މިހާތަނަށް ސެމީ ފައިނަލަށް ދަތުރު ކުރެވުނީ ވެސް އެންމެ ފަހަރަކުއެވެ. އެއީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ.

މި ފަހަރުގެ މުބާރާތަށް ބޫޓާން ޓީމު ޑާކާ އަށް ގޮސްފައިވާއިރު އެ ގައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި އަހަރުގެ މިހާތަނަށް އެންމެ ތިން މެޗު ކުޅެފައިވުމުން މެޗު އެކްސްޕީރިއަންސްގެ މައްސަލައެވެ. ބޫޓާން މި އަހަރު އެންމެ ފުރަތަމަ ކުޅުނީ މާޗު 31ގައި އޭޝިއަން ކަޕް ކޮލިފައިންގައި ބުރޫނާއީއާ ދެކޮޅަށެވެ. އެމެޗު 2-1އިން ކާމިޔާބު ކުރި ނަމަވެސް ޖޫން މަހު ކެމްބޯޑިއާ އާއި ސްރީލަންކާ އަތުން ވަނީ ބަލިވެފައެވެ. އެ ފަހުން ބޫޓާން އެއްވެސް މެޗެއް ނުކުޅެ އޮތުމަކީ ގައުމީ ޓީމު އެކުލަވާލަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ކޯޗު ގަރޭ ފިލިޕްސް ވެސް ވަނީ ފާހަގަ ކޮށްފައެވެ.