ޚަބަރު

ބަޖެޓު ބަހުސް: ކޮންމެ މެންބަރަކަށް 15 މިނެޓު


  • މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މާލީ ވަޒީރަށް 45 މިނެޓް

  • ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރާއިރު ކޮންމެ މެންބަރަކަށް 7 މިނެޓް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްގެ ފުރުޞަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މައިގަނޑު 3 ކަމަކަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެއީ 2027ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މެމްބަރުން ބަހުސްކުރަން ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަަށް ބަހުސްކުރުމަށް މެމްބަރުންނަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިތުރުން، ބަޖެޓު ބަހުސް ހިންގަމުންދާ ވަގުތު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމެވެ.

މި ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ މިދިޔަ އަހަރުވެސް ބަޖެޓް ބަހުސް ކުރިއަށްގެންދިޔަ އުސޫލުން މިއަހަރުވެސް ބަހުސް ކުރިއަށްގެންދިއުމަށް ހުށަހަޅާފައެވެ. އެގޮތުން ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓާއި، ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރާއިރު ކޮންމެ މެންބަރަކަށް 7 މިނެޓް ދިނުމަށެވެ. އަދި ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މާލީ ވަޒީރަށް 45 މިނެޓްގެ ފުރުސަތެއް ދިނުމަށްވެސް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާ ބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ.

މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.

2027 ވަނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭއިރު، 2028 ވަނަ އަހަރު، 46.6 ބިލިޔަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.