ޚަބަރު

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ހަފުތާއެއްގެ ތެރޭގައި ދެވަނަ ތޫފާން


“މުރާސޫ"ގެ ނަމުން ނަން ދީފައިވާ ބާރުގަދަ ތޫފާނު މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުން ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިޔާވަހިކަމަށް ގެންގޮސްފައިވާއިރު، ތޫފާނުގެ ނުރައްކާ އޮތް ސަރަހައްދުތަކުން އިތުރު 30،000 މީހުން ސަލާމަތީ ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ހަލުއިކަމާއެކު ކުރެވެމުންނެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނީ، މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދެކުނު އައްސޭރިފަށުގައިވާ އަންދްރަ ޕްރަދޭޝް އަދި ޓެމިލް ނާޑޫ ސްޓޭޓަށް ކަމަށެވެ.

އަދި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވާނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ. މިގޮތުން، ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް، އަންނަ ބުދަ ދުވަހާ ހަމައަށް ކަނޑަށް ނުނިކުތުމަށް އެ އިދާރާއިން ވަނީ އެ ސަރަހައްދުގެ މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

ބޭ އޮފް ބެންގޯލްގައި އުފެދުނު މި ތޫފާނަކީ މިދިޔަ ހަފުތާގައި 6 މީހުންގެ ފުރާނަ ގެއްލުނު ތޫފާން "އަރްނަބް" އާ އަޅާބަލާއިރު ބާރު ދަށް ތޫފާނެއް ކަމުގައި ވިޔަސް، ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކާރިސާތަކުގައި ހަރަކާތްތެރިވާ ކުއްލި ހިދުމަތްތަކުން އަންނަނީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.