ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއާއި، އިގްތިސާދާއި، ދައުލަތުގެ މުއައްސަސާތައް އަލުން އާރާސްތުނުކުރެވޭ ފަދަ ހާލަތަކާ ދިމާއަށް ދަތުރުކުރަމުންދާ ކަމުގެ އިންޒާރު، އެ ގައުމުގެ އަސްކަރިއްޔާގެ ރިޓަޔަރޑް މޭޖަރ ޖެނެރަލް އިޓްޒާކް ބްރިކް ދީފިއެވެ.
ޔަހޫދީންގެ ނޫހަކަށް ލިޔުނު މަޒްމޫނެއް، އޭނާ ބުނީ، ބައިނަލްއަގުވާމީ މައިދާނުގައި ޔަހޫދީ ދައުލަތަށް ލިބިފައިވާ މަގުބޫލުކަމާއި ބައިވެރިން މިހާރު ވަނީ ގެއްލިފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން އެކަހެރިވެގެން އޮވެ، ޔަހޫދީ ދައުލަތަށް ދެމިއޮވެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ބްރިކް އިތުރަށް ބުނީ، އެއްގަމު ސިފައިންގެ ހިތްވަރާއި އަޒުމް ގެއްލިފައިވާއިރު، އެތެރެއާއި ބޭރުން ކުރިމަތިވާ ނުރައްކާތަކުން ދިފާއުވުމުގެ ގާބިލުކަން މިހާރު އަސްކަރިއްޔާގައި ނެތް ކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ ދަރަނި 445 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ދަނޑިވަޅެއްގައި، ކުރިއަށްދާ ހަނގުރާމައާއި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ނުރައްކަލުގެ ތެރެއަށް ވެއްޓެމުންދާ ކަމަށް އޭނާ ބުންޏެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ޔަހޫދީ ދައުލަތުގެ އެތެރޭގެ ހަލަބޮލި ހާލަތަށް އަލިއަޅުވާލަމުން ބްރިކް ބުނީ، ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ބަދަލުގައި މިއަދު ފެންނަމުންދަނީ ހިމޭން ދާޚިލީ ހަނގުރާމައެއް ކަމަށެވެ.
އަދި ޑޮކްޓަރުންނާއި ސައިންސްވެރިން ފަދަ ގާބިލު ފަންނުވެރިން ގައުމު ދޫކޮށް ހިޖުރަކުރަމުންދާއިރު، ސިޔާސީ ލީޑަރުން ދަނީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކުރަމުން ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މީގެއިތުރުން، ނިމިދިޔަ އާންމު އިންތިހާބުގައި އެއްވެސް ފަރާތަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބުމަކީ، މި ގައުމީ ކާރިސާ އިތުރަށް ގޯސްވެގެންދިޔަ މައިގަނޑު ސަބަބެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.