ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މުހިންމު ސިޓީއެއް ކަމަށްވާ އަލްޚަލީލް، ޔަހޫދީ ފައުޖުތަކުން ވަށާލައި ހިސާރުކޮށްފައި އޮންނަތާ 10 ދުވަސް ވެފައިވާއިރު، އެ ސިޓީގެ އިގްތިސާދާއި އާންމު ހާލަތު އިތުރު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ.
ޔަހޫދީންމި ހަރުކަށި ފިޔަވަޅު އަޅާފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެންނެވެ.
އަލްޚަލީލްގެ މުނިސިޕަލިޓީން ބުނީ، ޔަހޫދީން މި އުދުވާނުގެ ސަބަބުން ފަލަސްޠީނުގެ 3،300 އަށް ވުރެ ގިނަ ރައްޔިތުންނަށް ސީދާ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން، 15 ގެއެއް ސުންނާފަތިކޮށް، 327 ވިޔަފާރިއެއް ވަނީ ގަދަބާރުން ބަންދުކޮށްފައެވެ. މީގެއިތުރުން، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި 80،000 އެއްހާ ދަރިވަރުން ވަނީ ތައުލީމު ހާސިލުކުރުމުގެ ހައްގުން މަހުރޫމްކޮށްފައެވެ.
އަލްޚަލީލްގެ މޭޔަރު ޔޫޞުފް އަލް-ޖަބީރީ ވިދާޅުވި ގޮތުގައި، މި ހިސާރުގެ ސަބަބުން ދުވާލަކު 3.8 މިލިޔަން އެމެރިކާ ޑޮލަރުގެ މާލީ ގެއްލުން ދަނީ ވަމުންނެވެ. އަދި ފަލަސްޠީނުގެ މުޅި އިގްތިސާދުގެ 40 އިންސައްތަ ހިއްސާކުރާ މި ސިޓީގެ ރައްޔިތުންނަށް ޔަހޫދީން ދެމުން އެ ގެންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަނިޔާއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިގްތިސާދީ މާހިރުން ބުނާ ގޮތުގައި، ގުދަންތަކުގައި ހުރި މުދާ ނެރުމުގެ ފުރުސަތު ނުދީ ވިޔަފާރިތައް ހުއްޓުވައިލުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިވެރިންނަށް ލިބުނު ގެއްލުން މިހާރު ވަނީ 20 މިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރައިފައެވެ.
މި ހިސާރާއެކު، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ފަލަސްޠީނުގެ ރައްޔިތުން ހައްޔަރުކުރުމާއި، ގަވާއިދާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ވަނީ ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރުވެގެން ގޮސްފައެވެ.