އެމެރިކާގެ މިޑްޓަރމް އިންތިހާބަށްފަހު އީރާނާ ދެކޮޅަށް ފަށާފައިވާ ގައިރުގާނޫނީ ހަނގުރާމަ އަލުން ފަށައި، ނިރުބަވެރި ހަމަލާތައް އިތުރުކުރުމަށް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅަމުންދާ ކަން ހާމަވެއްޖެއެވެ. މި ކަމުގެ މައުލޫމާތު ލިބިފައިވާ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ނޫސް، އެކްސިއޮސްއިން ރިޕޯޓުކުރި ގޮތުގައި، ދެ މީހުން ފޯނުން ކުރި މަޝްވަރާތަކުގައި ހައްދުފަހަނައެޅި ނަތަންޔާހޫ އަސްކަރީ ހަމަލާތައް ވަރުގަދަކުރަން ބާރުއެޅި ނަމަވެސް، ޓްރަމްޕް ބޭނުންފުޅު ވަނީ ސުލްހައިގެ ވާހަކަތަކަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ. މި ފޯނު ކޯލަކީ "ވަރަށް ސީދާ" މަޝްވަރާތަކެއް ކަމުގައި އެމެރިކާގެ މަސްދަރަކުން ބުނިއިރު، ޔަހޫދީ މަސްދަރަކުން އެއީ "ވަރުގަދަ" ކޯލެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް އެކްސިއޮސްއިން ރިޕޯޓުކުރިއެވެ.
ނަތަންޔާހޫއާއެކު ކުރެވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް" ކަމަށާއި އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ވެސް "ރަނގަޅަށް" ކުރިއަށްދާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ފެށްޓެވި ގައިރުގާނޫނީ ހަނގުރާމަ އަށް މަހަށް ދެމިގެން ގޮސްފައިވާއިރު، އެމެރިކާއިން އަދިވެސް ދަނީ ވައިގެ ހަމަލާތަކުގެ ކެންޕޭނެއް ހިންގަމުންނެވެ. އަދި، މިއާއެކު ހުރްމުޒް ކަނޑުއޮޅި ތެލާއި ގޭހުގެ ދަތުރުފަތުރަށް ހުޅުވައިލުމަށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ދަނީ އީރާނާއެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާއާއި ނިއުކްލިއަރ ޕުރޮގުރާމު ބަލިކަށިކޮށްލެވިފައި ވާތީ އަވަސްއަރުވައިލައިގެން ހަމަލާދޭން ނުވިސްނަވާ ކަމަށާއި، ބަލަހައްޓަންޖެހޭ އެއް ނުވަތަ ދެ އަމާޒު އަދިވެސް އެބައޮތް ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
ހުއްޓިފައިވާ ސުލްހައިގެ މަޝްވަރާތައް އަލުން ދިރުވުމަށް އެދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮނުއްވި ސިޓީއެއް ލިބިވަޑައިގެންނެވި ކަމުގައި އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ މުޙުސިން ރިޒާއީ ވިދާޅުވިއެވެ. މީގެއިތުރުން، މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިން މަސައްކަތްކުރާ ކަމުގެ ހެއްކެއްގެ ގޮތުން، އީރާނުގެ އިސް އޮފިޝަލުންނާ ބައްދަލުކުރުމަށް ޤަޠަރުގެ ވަފުދެއް އޮކްޓޫބަރު 6 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ޒިޔާރަތްކޮށްފައިވާ ކަމުގައި އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓްރަމްޕަށް ވަނީ ސިޔާސީ ބޮޑު ޕްރެޝަރަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ. ހާއްސަކޮށް ތެލުގެ އަގުތައް އުފުލުމާއި ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ބޮޑުވަމުންދާތީ، އެމެރިކާގެ ވޯޓުލާ މީހުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. އަދި، ކުރިއަށްއޮތް މިޑްޓަރމް އިންތިހާބުގައި އެ މީހުންގެ ނުރުހުން ވޯޓު ފޮށިތަކުން ފެނިގެންދާނެ ކަމުގައި ބެލެވޭ ކަމަށް މަސްރަހުގެ ދާރިސުން ވިދާޅުވެއެވެ.