ޚަބަރު

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް މައިނުގައި ޖެހި ގެއްލުންވެއްޖެ


ހުރްމުޒް ކަނޑުއޮޅިން އީރާނުގެ "ހުއްދަނެތް މަގަކުން" ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް މައިނުތަކެއްގައި ޖެހި "ގޮވާފައިވާ" ކަމުގައި އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނެފިއެވެ. އީރާނުން ދަނީ މި މުހިންމު ކަނޑުގެ ސަރަހައްދުގެ ކޮންޓުރޯލު ދަމަހައްޓައި، އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެޅި ހުރަސްތަކާ ހިލާފުވާ އުޅަނދުފަހަރަށް ހަމަލާދެމުންނެވެ.

އާދީއްތަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެހެން އުޅަނދަކަށް ނޭނގޭ އެއްޗަކުން ހަމަލާއެއް އަރާފައިވާ ކަމުގައި އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން (ޔޫކޭއެމްޓީއޯ) ބުންޏެވެ. މި ހާދިސާ ހިނގާފައި ވަނީ ނޮވެންބަރު 1 ވަނަ ދުވަހުއެވެ. ވިޔަފާރި އުޅަނދަކަށް ވީއެޗްއެފް ޗެނަލް 16 މެދުވެރިކޮށް ލިބުނު އެހީއަށް އެދޭ ކޯލަކާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު "ސަމާލުވެ ދަތުރުކުރުމަށާއި ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުމަށް" ޔޫކޭއެމްޓީއޯއިން ވަނީ އަންގާފައެވެ. ނަމަވެސް، އެ އުޅަނދުގެ ވަނަވަރެއް އަދި ގެއްލުމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ތެލާއި ގޭސް ބޭރުކުރާ އެންމެ މުހިންމު މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ އޮކްޓޫބަރު މަހުވެސް ގަލްފާއި، ހުރްމުޒް ކަނޑުއޮޅި އަދި ޢުމާން ކަނޑުގައި ވިޔަފާރި އުޅަނދުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވެއެވެ. ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ރިޕޯޓުތައް ބުނީ، އޭގެ ތެރެއިން ބައެއް ހަމަލާތަކުގައި ބައެއް އުޅަނދުފަހަރުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

މި ނުރައްކާތެރި ހާލަތު އުފެދިފައި މި ވަނީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުންނެވެ. އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ގައިރުގާނޫނީ ހަނގުރާމަ ފެށި ނަމަވެސް، އެޕްރީލު މަހު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައެވެ. ނަމަވެސް، ހަނގުރާމަ ނިންމުމަށް ކުރެވުނު ހާރިޖީ މަސައްކަތްތައް ހުއްޓުމަކަށް އައުމާއެކު، ޖުލައި މަހު އަނެއްކާ ވެސް އެމެރިކާއާއި އީރާނާ ދެމެދު ވަނީ ކުރިމަތިލުންތައް ފެށިފައެވެ.