ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ އަންހެން ކުރިކެޓް މުބާރާތް މިމަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިމުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ތަރައްޤީވަމުން އަންނަ އަންހެން ކުދިންނާއި އެރަށުގެ އިތުރު ކަނބަލުންކަމަށް ލ. އަތޮޅު ކުރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ.
މުބާރާތް ކުރިއަށްދާނީ ކުނަހަންދޫ ކުރިކެޓް ދަނޑުގައެވެ. އެރަށަކީ ގިނަ އަދަދެއްގެ ކަނބަލުންތަކެއް ކުރިކެޓްގައި ޝާލިމްވަމުން އަންނަ ރަށެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ގައުމީ އަންހެން ކުރިކެޓް ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވަނީވެސް ކުނަހަންދޫއަށެވެ. ކުރިކެޓް ފުޅާކުރުމަށް އެރަށުގައި ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، ރަށުގެ ޒުވާނުންނަށާއި ކައިރި ރިސޯޓްތަކުގެ މުވައްޒަފުންނަށްވެސް ބައިވެރިވެވޭނެހެން އެރަށުގައިވަނީ މުބާރާތްތައް ބާއްވާފައެވެ. އޭގެ އިތުރުން މިކުޅިވަރަށް ކަނބަލުން ވެއްދުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ހިންގާ ގިނަ އަދަދެއްގެ އަންހެން ކުޅުންތެރިންދަނީ ލިރުގާމް ކޯޗުގެ އިރުޝާދުގެ ދަށުން ތަމްރީނުވަމުންނެވެ.