ޔޫތު އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކާމިޔާބު ފެތުންތެރިޔާ ލޫޠު މުޙައްމަދު ހުސައިންގެ އިވެންޓު މިއަދަށް ތާވަލުކޮށްފިއެވެ.
ރާއްޖެ ގަޑިން ހަވީރު 04:08 ގައި ލޫޠުގެ އިވެންޓް ކުރިއަށްދާއިރު، އޭނާ ފަތާނީ 22 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގައެވެ.
އޮކްޓޯބަރުމަހުގެ 31 އިން މިމަހުގެ 13 ގެ ނިޔަލަށް ކުރިއަށްދާ ޔޫތު އޮލިމްޕިކްސް މުބާރާތް މި ފަހަރު ކުރިއަށްދަނީ ސެނެގާލުގެ ވެރިރަށް ޑަކާގައެވެ. މިއީ އެފްރިކާ ބައްރުގައި އޮލިމްޕިކްސް މުބާރާތެއް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.
މިމުބާރާތުގައި ރާއްޖޭން ވާދަކުރަނީ ހަމައެކަނި ފެތުމުގައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ލޫތު މުޙައްމަދު ހުސެއިންގެ އިތުރުން އަމްނާ ތަޒްކިޔާ މިރުސާދުއެވެ. މިމުބާރާތުން މި އެތުލީޓުންނަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ރޮމޭނިއާގައި ކުރިއަށްދިޔަ ޔޫތު ޗެމްޕިއަންޝިޕުގައި ބައިވެރިވެ، ދެއްކި ޕާފޯމެންސަށް ބަލާފައެވެ. މި އެތުލީޓުން މުބާރާތަށް ތައްޔާރުވެފައިވަނީ ކޯޗު އަހުމަދު ފިރާސްގެ އިރުޝާދުގެ ދަށުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކޮށް، ތަޒްކިޔާއާ ލޫތު ވަނީ ޔޫތު އޮލިމްޕިކްސްގައި ވާދަކުރެވޭނެ މިންވަރަށް ޕޮއިންޓް ހޯދާފައެވެ.
ޔޫތު އޮލިމްޕިކް ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ މި އެތުލީޓުންވަނީ އުފުލާފައެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ސެނެގާލްގެ ޑިއަމްނިއާޑިއޯގައި ހުންނަ އަބްޑުލޭވޭޑް ސްޓޭޑިއަމްގައެވެ. މިއަހަރުގެ މުބާރާތުގައި 207 ޑެލިގޭޝަނަކުން 2700 އަށްވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މިއަހަރަކީ ޔޫތު އޮލިމްޕިކް ގޭމެއްގައި ރެފިއުޖީ އޮލިމްޕިކް ޓީމަކުން ވާދަކުރާ ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ސްވިމިން، އެތުލެޓިކްސް، ފުޓްސެލް، ބީޗް ވޮލީބޯލް ހިމެނޭހެން 25 ކުޅިވަރެއްވަނީ ހިމަނާފައެވެ.