ޚަބަރު

ލާޒިއޯއިން ކަގްލިއާރީ ބަލިކޮށް ތާވަލްގެ އެއްވަނައަށް


  • މިމެޗު ލާޒިއޯ ކާމިޔާބު ކުރީ 2 ލަނޑު 1 ލަނޑުން

އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި ކަގްލިއާރީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލާޒިއޯއަށް ތާވަލްގެ އެއްވަނައިގައި 3 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލާޒިއޯގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު ލާޒިއޯ އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 2-1 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލާޒިއޯއިންނެވެ. ނަމަވެސް މިއާއެކުވެސް މެޗުގެ ފެށުން ރަނގަޅުވިތަން ފެނިގެންދިޔައީ ކަގްލިއާރީގެއެވެ. މިގޮތުން ކަގްލިއާރީއިން ވަނީ މެޗުގެ 20 ވަނަ މިނެޓްގައި އެމްބާލާ އެންޒޯލާ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ.

މިމެޗުގައި ލާޒިއޯއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 36 ވަނަ މިނެޓްގައި ގުސްޓާވް އިސާކްސެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގެ ފުރަތަަމަ ހާފްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސްއެވެ. މިމެޗުގެ ދެވަނަ ހާފްގައިވެސް ލާޒިއޯއިން ބޮޑަށް ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ކަގްލިއާރީ ފެނިގެންދިޔައީ ދިފާއު ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާއަށް އިސްކަން ދެމުންދިޔަ ތަނެވެ. އަދި ލާޒިއޯއިން ހިތްވަރު އެލުވާނުލައި މެޗުން މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 83 ވަނަ މިނެޓުގައި އަންޑްރިއާ ޕިނަމޮންޓީ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނެގުމެވެ. މިމެޗުގެ އިތުރު ވަގުތުގައި ކަގްލިއާރީގެ އެޑަމް އޮބަރޓްއަށްވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

މިކާމިޔާބީ އާއެކު ލާޒިއޯ މިހާރު އުޅެނީ 10 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް ގައެވެ. އެޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން މިހަފްތާގައި ކުޅުނު މެޗުން ބަލިވުމުން އެޓީމު އުޅެނީ 25 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި އޭއެސް ރޯމާ އުޅެނީ 24 ޕޮއިންތާއެކު ތާވަލްގެ ތިންވަނައިގައެވެ.

މިމުބާރާތުގައި ޔުވެންޓަސް އާއި ނަޕޯލީ ރޭ ބައްދަލުކުރި މެޗު 2-0 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޔޫވޭއެވެ. ޔޫވޭގެ އަލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޔޫވޭއިން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފްގައެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކެރިމް އެލައިބެގޮވިޗް ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު ޖަހައިދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖެރެމީ ބޯގާއެވެ. މިމެޗުގައި ނަޕޯލީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު މެޗުގެ 75 ވަނަ މިނެޓުގައި އެޓީމުގެ ލޫކާ މަރިއަނޫޗީއަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ.

މިކާމިޔާބީ އާއެކު ޔޫވޭ އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. އަދި ނަޕޯލީ އުޅެނީ 14 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.