ޚަބަރު

ވިއޭނާ އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދައިފި


  • އަލްކަރާޒް ޗެމްޕިއަންކަން ހޯދީ ޑި މިނޯ ފައިނަލްގައި 2 ސެޓުން ބަލިކޮށްގެން

އޮސްޓްރިއާގައި ބޭއްވި ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި މިމުބާރާތުގައި ފަސް ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު 6-1 އިން އަލްކަރާޒް ކާމިޔާބު ކުރި ނަމަވެސް މިސެޓުގައި ޑި މިނޯ ވަނީ ކުޅުނު ހަތް ގޭމްގެ ތެރެއިން ފަސް ގޭމް ޑިއުސް އަށް ގެންގޮސްފައެވެ. މިމެޗުގެ ދެވަނަ ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ. އަލްކަރާޒްވަނީ މިހާތަނަށް ޑި މިނޯ އާއި ވާދަކުރި ހަތް މެޗުވެސް ކާމިޔާބު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ އޭނާ ބޭނުންވީ މިމެޗު ވީހާވެސް ވަރުގަދަކޮށް ކުޅެން ކަމަށާއި މިމެޗުން އޭނާ މޮޅުވާން ބޭނުންވެފައިހުރިވަރު ދައްކާލަން ބޭނުންވި ކަމަށެވެ. އަދި މިމެޗުގައި އޭނާއަށް ދެއްކުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް އަލްކަރާޒް ހާމަކުރިއެވެ.

މިކާމިޔާބީއާއެކު އަލްކަރާޒް މިވަނީ އޭޓީޕީ ފައިވް ހަންޑްރެޑްގެ އިވެންޓުތަކުގައި މިސީޒަންގައި ޖެހިޖެހިގެން 16 މެޗު ކާމިޔާބު ކޮށްފައެވެ. އަދި އޭޓީޕީ ފައިވް ހަންޑްރެޑްގެ އިވެންޓެއްގައި އެންމެ ފަހުން އަލްކަރާޒް ބަލިވެފައިވަނީ މިދިޔަ އަހަރު ބޭއްވި ބާސެލޯނާ އޯޕަންގައި ހޮލްގަރ ރޫން އަތުންއެވެ. އަދި މިސީޒަންގައި މި ލެވެލްއަށް ބަލާއިރު އޭނާ ވަނީ ދޯހާ އާއި ޓޯކިޔޯގައި ބޭއްވި ދެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި މިއީ އޭނާ ކާމިޔާބު ކުރި އޭޓީޕީ ފައިވް ހަންޑްރެޑްގެ 11 ވަނަ މުބާރާތެވެ. މި ލެވެލްގައި އެންމެ ގިނަ މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔަކީ 16 މުބާރާތާއެކު ކުރީގެ ތަރި ރޮޖަރ ފެޑެރަރއެވެ. އަދި ނޯވަކް ޖޯކޮވިޗް އާއި ރަފައެލް ނަޑާލްވަނީ 15 މުބާރާތް ކާމިޔާބު ކޮށްފައެވެ.