ފޯމިއުލަރ ވަން ކާރު ރޭހުގެ މިސީޒަންގެ ދުނިޔޭގެ ޗެމްޕިއަންކަން މާސިޑީސްގެ ކިމީ އެންޓޮނޭލީ ކާމިޔާބު ކޮށްފިއެވެ.
އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން އެންޓޮނޭލީ ހޯދީ މެކްސިކޯ ސިޓީ ގްރޯން ޕްރީގައި ރޭހުގެ ތިންވަނަ މަގާމު ހާސިލްކޮށްގެންނެވެ. މިރޭހުން ތިންވަނަ ހޯދުމާއެކު އޭނާއަށް 380 ޕޮއިންޓް ލިބިފައިވާއިރު އޭނާއަށް ވުރެ މަތިން އިތުރު ދުއްވުން ތެރިޔަކަށް ޕޮއިންޓް ނުހޯދޭނެކަން މިހާރުވަނީ ކަށަވަރު ވެފައެވެ. މިކާމިޔާބީއާއެކު އެންޓޮނޭލީ ވެފައިވަނީ އެފް ވަންގެ ޗެމްޕިއަންކަން ހާސިލް ކުރި އެންމެ ޒުވާން ދުއްވުން ތެރިޔާ އަށެވެ. މީގެކުރިން މިރިކޯޑް އޮތީ ސެބަސްޓިއަން ވެޓެލް އަތުގައެވެ. ނަމަވެސް އެންޓޮނޭލީ ޗެމްޕިއަންކަން މިހޯދީ ވެޓެލްއަށް ވުރެ 3 އަހަރާއި 66 ދުވަސްގެ ތަފާތަކުންނެވެ. މީގެއިތުރުން އޭނާ ވެފައިވަނީ 1953 ވަނަ އަހަރު އަލްބަރޓޯ އަސްކާރީއަށްފަހު އެފް ވަންގެ ޗެމްޕިއަންކަން ހޯދި އިޓަލީވިލާތުގެ ފުރަތަމަ ދުއްވުން ތެރިޔާއަށެވެ.
މެކްސިކޯ ސިޓީ ގްރޯން ޕްރީއަށް ބަލާއިރު މިރޭސް ކާމިޔާބު ކޮށްފައިވަނީ ރެޑްބުލްގެ މެކްސް ވަރސްޓަޕެންއެވެ. އަދި ދެވަނައަށް ދިޔައީ ފެރާރީގެ ލުވިސް ހެމިލްޓަންއެވެ. އެންޓޮނޭލީ މިރޭހުގައި ބޮޑަށް ބަލާފައިވަނީ ރޭސް ކާމިޔާބު ކުރުމުގެ ބަދަލުގައި ރަނގަޅު ހިސާބެއްގައި އޮވެގެން ރޭސް ނިންމާލުމަށެވެ. މިރޭހުގައި އެންމެ ބޮޑު ބަހުސަކަށް ވި، ރޭސް ފެށުނުތަނާ ފެރާރީގެ ހެމިލްޓަން އާއި އެޓީމުގެ ދެވަނަ ދުއްވުން ތެރިޔާ ޗާލްސް ލެލާކްގެ މެދުގައި ކުރިއަށްދިޔަ ވާދަވެރި ކަމެވެ. އެއްވަނައިގައި އޮވެގެން ހެމިލްޓަން ރޭސް ފެށިއިރު ތިންވަނައިގައި އޮވެގެން ރޭސް ފެށި ލެލާކްވަނީ ރޭހުގެ ކުރީކޮޅު ހެލިމްޓަންއަށް ޕްރެޝަރު ބޮޑުކޮށް ނުގަވައިދުން ރޭހުގެ ކުރިއަށްވެސް އަރާފައެވެ. މިކަމުގެ ސަބަބުން ލެލާކްއަށް ލިބުނު ޕެނަލްޓީގެ ފައިދާ ނަގާ ވަރސްޓަޕެން ވަނީ ހެމިލްޓަން ފަހަތަށް ޖައްސާލާ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ރޭހަށްފަހު ވާހަކަ ދައްކަމުން ހެމިލްޓަން ބުނީ ލެލާކް އޭނާ އާއި ގުޅިގެން މަސައްކަތް ކުރި ނަމަ މިއީ އެއްވަނަ އާއި ދެވަނަ ފެރާރީއަށް ލިބޭނެ ރޭހެއް ކަމަށެވެ.
މިރޭސް ކާމިޔާބު ކޮށްގެން ވަރސްޓަޕެންވަނީ 261 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ ދެވަނަ ކުރިއަށް ޖެހިލާފައެވެ. އަދި ހެމިލްޓަން އުޅެނީ 259 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. މިސީޒަންގައި އެންޓޮނޭލީއާ ވާދަކުރި އޭނާ އާއި އެއްޓީމުގެ ދުއްވުން ތެރިޔާ ޖޯޖް ރަސެލް މިހާރު އުޅެނީ 250 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ކޮންސްޓްރަކްޓަރސް ތާވަލަށް ބަލާއިރު 630 ޕޮއިންޓާއެކު އެއްްވަނައިގާ އުޅެނީ މާސިޑީޒްއެވެ. އަދި ފެރާރީ ދެވަނައިގައި އުޅެނީ 504 ޕޮއިންޓާއެކުއެވެ. ރެޑްބުލް އުޅެނީ 380 ޕޮއިންޓާއެކު ތިންވަނައިގައެވެ.
އެފް ވަންގައި މިސީޒަންގައި މިހާރު ބާކީ އޮތީ މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ރޭހުގެ އިތުރުން ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއް ރޭހެވެ. އެހެން ކަމުން މިހަތަރު ރޭހުން ޗެމްޕިއަންޝިޕްގެ ތާވަލްގައި އެންޓޮނޭލީއަށް ލިބިފައިވާ ލީޑު އެހެން ދުއްވުން ތެރިޔަކަށް ކާމިޔާބު ނުވާނެކަން ވަނީ ކަށަވަރުވެފައެވެ.