ޚަބަރު

އަލްޖައުފުގެ މުހިންމު މަގާމުތައް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން އަތުލައިފި


ޔަމަނުގެ އަލް-ޖައުފު ގަަވަރުނޭޓުގެ ވެރިކަންކުރާ ރަށް ކަމަށްވާ އަލް-ހަޒްމުގެ އަސްކަރީ މަގާމުތައް ސަރުކާރުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. އަލްހަޒްމު ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައި މި ވަނީ ޙޫޘީންނާއި ސަރުކާރަށް ތާއީދުކުރާ ފައުޖުތައް ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ތަޢިއްޒު ސިޓީގެ އިންސާނީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.

ޔަމަނުގެ އަސްކަރިއްޔާގެ މީޑިއާ ސެންޓަރުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޙޫޘީ ހަނގުރާމަވެރިންނަށް ހަމަލާދީ އަސްކަރިއްޔާގެ ފަސްޓް އެމަޖެންސީ ބްރިގޭޑުން އަލްޙަޒްމް ހަތިޔާރާއި ވަޒަން ރައްކާކޮށްފައި ހުރި ސަރަހައްދުތައް އަލުން އަތުލާފައިވާ ކަމަށެވެ. ޙޫޘީންގެ ތެރެއިން ބައެއް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށާއި، ބައެއް ހަނގުރާމަވެރިން އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ޒަހަމްވެފައިވެއެވެ. އޭގެ އިތުރުން ޙޫޘީންގެ ހަތިޔާރުއެޅި އުޅަނދުތައް ވެސް ސުންނާފަތިކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޙޫޘީން ބުުނަމުން ދަނީ އަލްޖައުފުއާއި، ޖެހިގެން އޮންނަ މައުރިބުގައި ސަރުކާރުގެ ފައުޖުތަކުން ދޭން އުޅުން ހަމަލާތައް ކާމިޔާބު ވިޔަ ނުދީ ހުއްޓުވާފައިވާ ކަމަށެވެ.

އަލްޖައުފު އޮންނަނީ ސަޢުދީ ޢަރަބިއްޔާއާ އިންވެގެންނެވެ. އެ ސަހަރާ ޖެހިގެން އޮންނަނީ ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަ ސަންޢާއާއި ޞަޢްދާއެވެ. އެހެންކަމުން އަލްޖައުފްއަކީ ޙޫޘީންގެ އަތް ދަށުގައި އޮންނަ ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް އަލުން ގެނައުމަށް މުހިންމު ސަރަހައްދެކެވެ.

ޙޫޘީންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހަމަލާތައް ބަދަލުކުރަމުން ދަނީ 2014ވަނަ އަހަރު ސަންޢާ އަތުލައިގައިން ޙޫޘީންގެ އަތްދަށުގައިވާ ސަރަހައްދުތައް އަތުލުމަށް ސަރުކާރުން ހިންގަމުންދާ އޮޕަރޭޝަން ޑޯން އޮފް ޔެމެންގެ ދަށުންނެވެ. އެ ހަރަކާތް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ތަޢިއްޒުގައި އަދިވެސް ހަަމަލާތައް ބަދަލުކުރަމުންދާއިރު، ސަރުކާރުގެ ފައުޖުތަކުން ބުނަމުން ދަނީ އަލް-ޢަޤްޟޫދު އަދި ތޫރު އަލް ބާހައަށް ޙޫޘީން ދިނުމަށް މަސައްކަތްކުރި ހަމަލާތައް ހުއްޓުވާފަައިވާ ކަމަށެވެ. ނަމަވެސް ހުދައިދާ ގަވަރުނޭޓުގެ ބާޖިލް ޑިސްޓްރިކްޓުގައި ހުރި ތެޔޮ މަރުކަޒަކަށް ޙޫޘީން ކާމިޔާބުކަމާއެކު ދެ ވައިގެ ހަމަލާ ދީފައިވާ ކަމަށް ޚަބަރުތަކުން ބުނެއެވެ.

ތަޢިއްޒުގައި ހަމަލާތައް ވަރުގަދަވެފައިވާއިރު، ހަސްފަތާލުތަކަށް ބާރު ބޮޑުވެ، ކާބޯތަކެއްޗާއި ތެލާއި ސިއްހީ ސާމާނުގެ ޑެލިވެރީއަށް ވަނީ ހުރަސްއެޅިފައެވެ. ތަޢިއްޒު އޮތީ ޙޫޘީންގެ ބާރުގެ ދަށުގައި ކަމަށް ނުވި ނަމަވެސް އެ ސަހަރަށް ވަދެ ނިކުތުމަށް ބޭނުންކުރާ މައި މަގުތައް ކޮންޓްރޯލް ކުރަނީ އެ ޖަމާއަތުންނެވެ. އެއާއެކު ޒަރޫރީ ސާމާނު ހޯދުމަށް ދަތިވުމުގެ އިތުރުން ތަޢިއްޒުއަށް ވަދެ ނިކުތުމަށް ވެސް އާންމުންނަށް ވަނީ ދަތިވެފައެވެ. ތަޢިއްޒުގެ އުސްބިންތަކުގައި ޙޫޘީންގެ ސްނައިޕަރުން ތިބޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަމަނުގައި އަލުން ހަނގުރާމަ ފެށިފަހުން މިހާތަނަށް 290.000އަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށާއި، މާބަނޑު އަންހެނުންނަށް އޮތް ނުރައްކާ ބޮޑުވެފައިވާ ކަމަށް އދގެ އިންސާނީ މަސައްކަތްތައް ވިލަރެސްކުރާ އިދާރާ، އޯސީއެޗްއޭއިން ވަނީ ބުނެފައެވެ.

އޯސީއެޗްއޭއިން ނެރުނު ރިޕޯޓެއްގައި ބުނީ ޔަމަނުގައި ތިބި 65،000 ރެފިޔުޖީންނާއި ހިމާޔަތް ހޯދަމުންދާ މީހުންގެ ހާލަތު ހަލުވިކަމާއެކު ގޯސްވަމުންދާ ކަމަށެވެ. އެ މީހުންނަށް ބޭނުންވާ ހިދުމަތްތައް ނުލިބި މެދުކެނޑެމުންދާ ކަމަށާއި ކާބޯތަކެއްޗާއި ތެލުގެ އަގުތައް ވެސް ހަމަ އެ ހަލުވިކަން މަތީ އުފުލެމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ދިރިއުޅުމުގެ ހާލަތު ގޯސްވެފައިވާ މީހުންގެ ތެރޭގައި ފަހުގެ ދުވަސްތަކުގައި ގެދޮރު ގެއްލިފައިވާ 6،100 މާބަނޑު އަންހެނުން ހިމެނޭ ކަމަށާއި، އޭގެ ތެރެއިން 600 މީހުންނަކީ ވިހަން ކައިރިވެފައިތިބި މީހުން ކަމަށް ވެސް ބުނެފައިވެއެވެ.