ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖް - ޖޫންމަހުގެ ނިޔަލަށް ނިންމާލެވޭނެ


އިންޑަސްޓްރިއަލް ވިލެޖަކީ މާލެތެރޭގައި ހުރި ކެމެކަލް ގުދަންތަކާ، ގަރާޖް ވަރކްޝޮޕްތައް އެއްތަނަކަށް ބަދަލުކުރުމުގެ ގޮތުން ކުރިއަށްގެންދަވާ މަޝްރޫޢުއެކެވެ. އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތްތައް އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާއިރު، މިހާރުވެސް ގިނަ މަސައްކަތްތަކެއް އެތަނުގައި ދަނީ ކުރަމުންނެވެ. 

އިންޑަސްޓްރިއަލް ވިލެޖްގައި ހައްދަވާ ވޭސްޓްޔާރޑްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމަވާ، އެތަން ވެމްކޯއާ ހަވާލުކުރައްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މިހާރު އެތަނުގައި ކުރިއަށްދަނީ ވޭސްޓްޔާރޑްގެ މަގުތައް ހެއްދެވުމުގެ މަސައްކަތް ކަމަށާއި މިއާއެކު ވިލެޖުގެ އެހެން މަގުތައްވެސް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވާމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ވިލެޖްގެ ތޮށިހެދުމާއި، ނެރު ފައިކަށީގެ މަސައްކަތް ބައެއް ސަބަބުތަކާހުރެ ޝެޑިއުލަށްވުރެ ލަސްވެގެން ދިޔަ ނަމަވެސް، އެ މަސައްކަތްވެސް މި މަހުގެތެރޭގައި ނިންމަވާނެކަމުގެ ޔަޤީންކަން، އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީ ކުރެއްވުމަށް ހަވާލުކުރައްވާފައިވާ ކުންފުނި، އެމްޓީސީސީން ދެއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14666885500915.jpg|މާލޭގެ ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ހައުސިންގ މިނިސްޓްރީ

އިންޑަސްޓްރިއަލް ވިލެޖްގެ ބިން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށްޓަކައި، ހައުސިންގ މިނިސްޓްރީން ނިންމަވާފައިވަނީ، އެތަނުގައި އިމާރާތްތައް ހެދުމަށްފަހު، ގުންދަންތައް ބޭނުންވާފަރާތްތަކަށް ކުއްޔަށް ދޫކުރައްވާގޮތަށެވެ. މިނިސްޓަރ ވިދާޅުވީ، އެކަމާބެހޭ އުސޫލު ކަނޑައެޅުއްވުމަށްފަހު އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީމަހު ޖާގަ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުއްވާލައްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެތަނުގައި އެޅުމަށް ނިންމަވާފައިވަނީ ބޭރުން ތައްޔާރުކޮށްގެން ގެނެސް ރާވާލާ އިމާރާތްތަކަށްވާތީ، ޢިމާރާތްކުރުމަށް ގިނަވެގެން ނަގާނީ މަހެއްހާ ދުވަސްކަމަށެވެ. 

މާލޭގައި ޕާރކިންގ ދިމާވެފައިވާ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުންއިންޑަސްޓްރިއަލް ވިލެޖްގައި މަލްޓިސްޓޯރީ ޕާރކިންގ ބިލްޑިންގއެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އެހެންކަމުން މި ތަނުން މާލާގައި ދުވާ ޓެކްސީތައް ޕާކް ކުރުމަށް ޖާގަ ހަމަޖެހިގެންދާނެއެވެ. އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރެއްވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީންޢަމަލީ ގޮތުން ފަށްޓަވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.