ޚަބަރު

ޣައްޒާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 8 މަރު


ޔަހޫދީންގެ އައު ހަމަލާތަކެއްގައި ޣައްޒާގައި އިތުރު އަށް މީހުން ޝަހީދުވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ފަސް ފުލުހުން ވެސް ހިމެނެއެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ އެ މީހުން ޝަހީދުކޮށްލާފައި ވަނީ ވަކިވަކިން ދިން ދެ ހަމަލާއެއްގައި ކަމަށެވެ. ޣައްޒާ ސިޓީގައި އާންމުންގެ ތިން މީހުން ޝަހީދުވެފައިވާއިރު، ފުލުސް އޮފިސަރުން ޝަހީދުވެފައި ވަނީ ޚާން ޔޫނިސްގައި ދީފައިވާ ހަމަލާއެއްގައެވެ.

ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނީ ހަމަލާތައް ތިން އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު، މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސްއާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. ހަނގުރާމަ ފެށުނު ފަހުން އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 74،000 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،500 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން އާރާސްތު ކުރުމަށް ގޮވާލި ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރުމުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.