ޚަބަރު

ހަނގުރާމަ އަލުން ފެށިއްޖެނަމަ ކުރިއަށްވުރެ ބޮޑަށް ދިގުދެމިގެންދާނެ: އީރާން


އެމެރިކާއާއެކު އައު ހަނގުރާމައެއް ފެށިއްޖެނަމަ، އެ ހަނގުރާމަ ކުރިއަށްވުރެ މާ ބޮޑަށް ދިގުދެމިގެންދާނެ ކަމަށާއި، ހަނގުރާމަ ނިމޭނެ ގޮތާއި ވަގުތު ކަނޑައެޅުމުގެ ބާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވާ ކަމަށް އީރާނުން އިންޒާރުދީފައެވެ.

އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިއާ ވިދާޅުވީ، ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައިގެ ތެރެއިން އެމެރިކާއާއި ޔަހޫދީ ދައުލަތާއި ގުޅިގެން ދިން ހަމަލާތަކުގައި، އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލާފައިވާ ކަމަށެވެ.

މި އުދުވާނުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އެ ސަރަހައްދުގައިވާ އަދާވާތްތެރިންގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. އަދި މި ހަނގުރާމައިގައި ލުބުނާނާއި ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާޢަތްތަކުން ވެސް ދަނީ ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ.

އީރާނުގެ ދިފާޢީ ވަޒީރު މެހްދީ އަޚްލާޤީ ވިދާޅުވީ، ޤައުމުގެ އިސްތިޤްލާލަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކަށް ހައްގު، ހަރުކަށި، އަދި ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އީރާނުގެ އައު އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީގެ ބަސްފުޅަކާ ހަވާލާދެއްވައި، ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނު ޙުސައިން މުޙައްބީ ވިދާޅުވީ، އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަކި ގައުމެއްގެ ސަރަހައްދަކަށް ބެލުމެއް ނޯންނާނެ ކަމަށާއި، އަދާވާތްތެރިންނަށް ހަމަލާދިނުން މުޅި ސަރަހައްދަށް ފުޅާކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނުގެ އަސްކަރީ މުހިންމު ވަސީލަތްތަކެއް މިހާރުވެސް ހަލާކުކޮށްލެވިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ނައްތާލަންޖެހޭ މުހިންމު އަމާޒުތަކެއް އެބަހުރި ކަމަށެވެ. އަދި އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން ޓްރަމްޕް ވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.

މެދުއިރުމަތީގެ މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާގެ ރިޔާސީ އިންތިޚާބަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ދަނޑިވަޅެއްގައިވެސް، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.