ޔަހޫދީ ދައުލަތުން ޣައްޒާއަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަސާސީ ސާމާނާއި ކައްކާ ގޭސް ލިބުމަށް ދަތިވެފައިވަނިކޮށް، ޣައްޒާގެ ދެކުނުގައި އޮންނަ އަލް މުވާސީ ސަރަހައްދުގެ ރެފިއުޖީ ކޭމްޕެއްގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއެއްގައި ތުއްތު 2 ކުދިން ފިހިގެން ޝަހީދުވެއްޖެއެވެ.
ނާޞިރު މެޑިކަލް ކޮމްޕްލެކްސްއިން ހާމަކުރި ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން އެންމެ 2 މަހުގެ ޙަބީބާ މުޙައްމަދު ޒަނޫން އަދި 7 މަހުގެ އަސީލް އަބޫ ސުހައިބާއެވެ.
މި 2 ކުދިން ނިޔާވީ، ކޭމްޕު ތެރޭގައި ދަރު އަންދައިގެން ކާބޯތަކެތި ތައްޔާރުކުރަން އުޅުމުގެ ތެރޭގައި ރޯވި އަލިފާނުގައި ލިބުނު ފުން އަނިޔާތަކަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. މީގެއިތުރުން، އަސީލް ސަލާމަތްކުރަން މަސައްކަތްކުރި އޭނާގެ މަންމަވެސް ވަރަށް ބޮޑަށް ފިހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އދގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހިތާމަވެރި ހާދިސާތައް ކުރިމަތިވަނީ ކައްކާ ގޭސް އެތެރެކުރުން ޔަހޫދީ ދައުލަތުން ހުއްޓުވާފައިވުމުން، ފޮތި އަދި ކަރުދާސް ފަދަ އަވަހަށް އަލިފާން ހިފާ ތަކެތި ބޭނުންކޮށްގެން ކެއްކުމުގެ ކަންކަން ހަމަޖައްސަން ޖެހުމުގެ ސަބަބުންނެވެ. އަދި ހިޔާވަހިކަމަށް ބޭނުންވާ ޓެންޓާއި ލަކުޑި ފަދަ ތަކެތި ޣައްޒާއަށް އެތެރެކުރުމަށްވެސް ޔަހުދީ ސިފައިން ދަނީ ހުރަސްއަޅަމުންނެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި، ގެދޮރު ގެއްލިފައިވާ 800،000 އަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ 270،000 ޓެންޓުގެ ތެރެއިން 162،000 ޓެންޓަކީ ބާވެ، ހަލާކުވެފައިވުމުގެ ސަބަބުން މިހާރުން މިހާރަށް ބަދަލުކުރަން ޖެހިފައިވާ ތަކެއްޗެވެ.