ޚަބަރު

އެމެރިކާގެ އެހީއާއެކު އީރާނަށް އަލުން ހަމަލާދޭން ޔަހޫދީން ތައްޔާރުވެއްޖެ


އީރާނަށް އަމާޒުކޮށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތައް ދިނުމަށްޓަކައި ވާންޖެހޭ ދިފާއީ އަދި ހަމަލާދިނުމުގެ އެންމެހައި ތައްޔާރީތައް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއިން ފުރިހަމަކޮށްފިއެވެ.

ޔަހޫދީންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަލުން ފެށުމާ ގުޅޭ އަސްކަރީ ޕްލޭންތައް އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ މިހާރު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހިއްސާކުރައްވައިފައެވެ.

ނަމަވެސް، ޚާރިޖީ ފެންވަރުގައި މަޝްވަރާތައް އަދިވެސް ކުރިއަށްދާތީ، ހަމަލާ ދިނުމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމުން އޮތީ އެމެރިކާގެ އަތްމަތީގައެވެ.

މި ތައްޔާރީތަކުގެ ތެރޭގައި ހިމެނިގެން ޔަހޫދީންގެ ވައިގެ ސިފައިން ވަނީ، އީރާނުގެ ސަރަހީއްދީ ރޮނގާ ކައިރި ހިސާބުތަކުގައި ދުރު ރާސްތާގެ ވައިގެ އަސްކަރީ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

މީގެއިތުރުން، އެމެރިކާގެ އަސްކަރީ މުދާ އުފުލާ 10 މަތިންދާބޯޓު މެދުވެރިކޮށް، ދާދިފަހުން ވަނީ ޔަހޫދީ ދައުލަތަށް އަސްކަރީ ގޮތުން ބޭނުންވާ މުހިންމު އެހީތައް ފޯރުކޮށްދީފައެވެ.

ހަމަލާތައް ފެށުމާ މެދު އެމެރިކާއިން އަދި ސާފު ސިޔާސަތެއް ކަނޑައަޅާފައި ނުވާއިރު، ޙިޒްބުﷲ ފަދަ ޖަމާއަތްތައް މި ހަނގުރާމައިގެ ތެރެއަށް ވަދެ، މުޅި ސަރަހައްދަށް ހަމަނުޖެހުން ފުޅާވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މި ދަނޑިވަޅުގައި، ޤަޠަރު މެދުވެރިވެގެން ކުރިއަށްގެންދާ ސުލްހައިގެ ނުސީދާ މަޝްވަރާތައް ވެސް ދަނީ ހިނގަމުންނެވެ.