ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓުގެ ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދިނުމަށް ކުރިއަށްގެންދާ "ޕްރޮސްޕަރ އެމްއެސްއެމްއީ" އިނިޝިއޭޓިވް ރަސްމީކޮށް ފަށައިފިއެވެ.
މި އިނިޝިއޭޓިވްގެ މަޤުސަދުތަކުގެ ތެރޭގައި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މި އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ދިރާސާ ފަށާފައިވަނީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ބައިނަލްއަގުވާމީ ޕޯސްޓުގެ އިދާރާ ކަމުގައިވާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންއާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެންނެވެ.
މި މަސައްކަތް އިފްތިތާޙު ކުރުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރުއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި ތާއިދު މިނިސްޓްރީގެ ފަރާތުން ލިބޭނެ ކަމުގެ ޔަޤީންކަން ނަޒީރު ވަނީ ދެއްވާފައެވެ. މީގެއިތުރުން ޤާނޫނީ އަދި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށް، ގުޅުންހުރި މުއައްސަސާތައް ގުޅުވައިގެން ދިރާސާގެ އަލީގައި މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. ނަޒީރު ވިދާޅުވީ، ޑިޖިޓަލްކޮށް ތަކެއްޗަށް އޯޑަރު ކުރުމަކީ މިހާރު ދުވަހުން ދުވަހަށް ކުރެވޭ ވިޔަފާރީގެ މުހިންމު ބަޔަކަށް ވެފައިވާ ކަމަށެވެ.
" ވިޔަފާރިއަކަށް ލިބޭ އޯޑަރެއް ފުރިހަމަކުރުމުގެ ކުރިން، އެކަމަށް ބޭނުންވާ ތަކެތި ގަތުމަށް މާލީ އެހީތެރިކަން ބޭނުންވާނެ. މިފަދަ ޚިދުމަތްތައް މެދުކެނޑިގެންދާ ހާލަތްތަކުގައި، އޭގެ އެންމެ ބޮޑު ތަކްލީފެއް އުފުލަންޖެހެނީ އެންމެ ކުދި ވިޔަފާރިތަކަށް. މި މަސައްކަތު ބައްދަލުވުމުގެ މަޤުޞަދަކީ ޕޯސްޓުގެ ޚިދުމަތާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި އަދި އިސްލާމިކް ފައިނޭންސިންގ އެއްކުރެވިގެންދާނެ މަޝްވަރާތަކެއްގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދުން." ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯސްޓުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަފީޤު ވިދާޅުވީ، މި އިނިޝިއޭޓިވްގެ ސަބަބުން ރާއްޖޭގެ ޕޯސްޓަލް ދާއިރާގެ ފުރިހަމަ ބޭނުން ހިފުމަށާއި، މި ދާއިރާގެ ފަޚުރުވެރި ތާރީޚުގެ މައްޗަށް ބިނާކޮށް އެންމެން ބައިވެރިވާ ގުޅިފައިވާ އަދި ތަނަވަސް ޑިޖިޓަލް އިޤުތިޞާދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަޙްމަދު ވިދާޅުވީ، މި މަސައްކަތަށް އެ އިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫޢު ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ހަދާ ދިރާސާގައި ހިމެނޭ އަށް ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ލިބުނު ފަޚުރެއްކަން ފާހަގަކުރެއްވިއެވެ.
ޕޯސްޓް ލިމިޓެޑުން ހާމަކުރި ގޮތުގައި 1 ނޮވެމްބަރުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކަމާބެހޭ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި، އެހެނިހެން ސްޓޭކް ހޯލްޑަރުންނާއެކު ކުރާ މަޝްވަރާތަކުގެ އަލީގައި އެމްއެސްއެމްއީ ސެކްޓަރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލެވޭނެއެވެ.
މި ކަމުގެ މަޤުސަދަކީ ޕޯސްޓަލް ނެޓްވާރކް ބޭނުން ކޮށްގެން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ހުރިހާ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުޞަތު ފުޅާކުރުމެވެ. އަދި އީކޮމާސްއާއި، ލޮޖިސްޓިކްސްއާއި، ޑިޖިޓަލް ޗެނަލްތަކުން އިމެއްނެތި ހުރި ފުރުޞަތުތަކާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.