ޚަބަރު

އީނާޒް: ހިތްވަރާއެކު ކުރި މަސައްކަތުން ދިވެހި ފުޓުބޯޅައިގެ އެންމެ އުހަށް


  • ކުޅުމުގެ ފުރުސަތު ނުލިބި އަހަރުތަކެއް ހޭދަކުރަން ޖެހުނު

  • މިއަދު އޭނާއަކީ ޓީމުގެ ފުރަތަމަ 11ގައި ހިމެނޭ މުހިންމު މެމްބަރެއް

ކޮންމެ ކަމެއްގައި ކުރިއަށް ދިއުމުގައި އަދި ކުރިއަރައިދިޔުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ކަމަކީ، ހިތްވަރުއެލުވާނުލައި ކެތްތެރިކަމާއެކު ކުރާ މަސައްކަތެވެ.

ތިމާ ކުރާ ކޮންމެ ކަމަކީ މީހުން އެކަމެއް ބަލައިގަނެ، އަވަސް، ހެޔޮ ނަތީޖާއެއް ނުކުންނާނެ ކަމެއްކަމަށް ދެކިގެން އެކަމެއް ކުރާނަމަ، އެ ބޭނުންވާ "އެޕްރިޝިއޭޝަން" ނުލިބިއްޖެނަމަ މީހާ މާޔޫސްކޮށްލައި، ހިތް މަރާލައެވެ. އެކަމެއްގައި ސާބިތުވެ ހުރެ ކުރިއަށްދާން އުނދަގޫވެއެވެ.

އޭގެ ބަދަލުގައި، ތިމާ ކުރާ މަސައްކަތް ބަލައިގަންނާނެ މީހަކު ނުވި ނަމަވެސް، ތިމާ ކުރާ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތިމާ ކޮށްފިނަމަ، ކޮންމެވެސް ދުވަހަކުން ތިމާއަށް ތިމާ ކަނޑައަޅާ ޓާގެޓާ ހަމައަށް ވާސިލްވެނޭކަން ޔަގީނެވެ.

އެކަމުގެ އެއް ހެއްކަކީ، ރ. އުނގޫފާރަށް އުފަން އުމުރުން 27 އަހަރުގެ ޙަސަން އީނާޒް ނުވަތަ ފުޓުބޯޅައިގެ ނަމުންނަމަ "ބަކާ" އެވެ.

"ބަކާ"، މި ނަމަކީ ދިވެހިންގެ މެދުގައި އައު ނަމަކަށް ނުވާނެއެވެ. ރާއްޖެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު، އަލްމަރްޙޫމް މުޙައްމަދު އާރިފްއަށް ވެސް މިނަމުން މުހާތަބުކުރެވޭއިރު، އެ ނަން ވެފައިވަނީ ދިވެހިންނަށް ޙާއްސަ ނަމަކަށެވެ.

އާރިފްގެ ވަކިވުމާއެކު މި ނަން ބޭނުންކުރެވޭ މިންވަރު މަދުވަމުންދަނިކޮށް، މި ނަމަށް އަލުން ދިރުމެއް ގެނުވީ އީނާޒެވެ.

ދިވެހި ފުޓުބޯޅައިގެ އެންމެ ހުނަރުވެރި އެއް ޑިފެންޑަރުގެ ގޮތުގައި މިވަގުތު ހުރި އީނާޒަށް، ފުޓުބޯޅަ ކުޅުންތެރިއަކަށް ވާން ފުރުސަތު ލިބުނުގޮތް އޭނާ ވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

"ރިސޯޓު ދާއިރާއިން ކުރިއަށްދާން ބޭނުންވީ. އެ ދާއިރާއިން ކޯހެއް ހަދަން އަސްލު މާލެ އައީވެސް. އެފަހަރު އައިސް ދަ ގްރާންޑޭގެ ޔޫތު ޓީމުން ލިބުނު ފުރުސަތެއްގައި ކުޅެން ފެށިގޮތަށް ފުޓުބޯޅައިގެ ތެރެއަށް ވަދެވި، ކެރިއަރެއްގެ ގޮތުގައި ފުޓުބޯޅައިން ކުރިއަށް މިދަނީ". އީނާޒް ބުންޏެވެ.

ދަ ގްރާންޑޭގެ ޖާޒީގައި 2020ވަނަ އަހަރު ފެށިގެން ދިޔަނަމަވެސް، އީނާޒަށް އޭނާއަށް ހައްގު "ރެކޮގްނިޝަން" ލިބޭ ގޮތެއް ނުވިއެވެ. ފާއިތުވީ ހަ އަހަރެއްހައި ދުވަހު އީނާޒް ހުރީ ދިވެހި ފުޓުބޯޅައިގައި އަމިއްލަ ނަމެއް އުފައްދަން، ހިތްވަރާއިއެކު ބުރަ މަސައްކަތްތަކެއް ކުރި އެތުލީޓެއްގެ ގޮތުގައެވެ. އެހެން އެކަން ވާންޖެހުނީ، ޓީމުގައި ހިމެނުނު ނަމަވެސް މެޗު ކުޅެން ނުވަތަ "ޕްލޭ ޓައިމް" އޭނާއަށް އެކަށީގެންވާ މިންވަރަށް ނުލިބޭތީއެވެ.

"ވަރަށް ޗެލެންޖިން ދަތުރެއް އަސްލު. ދަ ގްރާންޑޭގައި އުޅުނު އިރުވެސް ކުޅޭކަށް ނުލިބޭ އަސްލު. ކުޅެން ފުރުސަތު ނުލިބެންޏަކާ އެއްވެސް މީހަކަށް ނުއެއް ފެންނާނެތާ ދޯ. ފުރުސަތު ދިނީމަތާ ދޯ އިނގޭނީ. ދަ ގްރާންޑޭގައި ހުރެފައި ޓީސީއަށް ބަދަލުވީމަ އަސްލު ކުޅެން ލިބި، މި ފުރުސަތު ފަހިވެގެން މިދިޔައީ. އޭރު ނިޒާމް ކޯޗު ފުރުސަތު ދިނީ. ދެން އެފުރުސަތުގެ ބޭނުން ހިފައިގެން ކުޅެމުން ދިޔަ ނަމަވެސް ޤައުމީ ޓީމުން ފުރުސަތު ލިބޭނެ މަގެއް ނުފެނޭ". ކެރިއަރުގެ ފުރަތަމަ ފަސް އަހަރުގެ ތަޖުރިބާ ހިއްސާކޮށް އީނާޒް ބުންޏެވެ.

ޤައުމީ ޓީމާ ހަމައަށް އަދި ދިވެހި ފުޓުބޯޅައިގެ އެންމެ އުހަށް ކުޅުންތެރިން ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، މިހާރުވެސް އެކަން ކުރަމުންދާ ޓީސީ ސްޕޯޓްސް ކުލަބުން ލިބުނު ފުރުސަތާއެކު ވެސް، ޤައުމީ ޓީމުން ޖާގަ ހޯދުމަށް އީނާޒް ޖެހުނީ އިތުރު ހިތްވަރެއް ލައިގެން ދުވަސްތަކެއް ވަންދެން މަސައްކަތްކުރާށެވެ.

އީނާޒަށް ޤައުމީ ސްކޮޑުން ފުރަތަމަ ފުރުސަތު ލިބުނީ ސިންގަޕޫރުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެއީ އެފަހުން އޮސްޓްރޭލިއާގައި ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް އެކުލަވާލި ސްކޮޑެކެވެ. އެހެންނަމަވެސް ސިންގަޕޫރު މެޗުގައި ވެސް އަދި އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އީނާޒަށް ޤައުމީ ޖާޒީގައި ދަނޑަށް އަރައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

ގައުމީ ޖާޒީގައި އީނާޒް އެންމެފުރަތަމަ ކުޅުނީ ސުޕާ ކަޕުގައި، ލަންކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެހެންނަމަވެސް އެ މެޗުގައި ވެސް އޭނާއަށް މާ ގިނައިރު ދަނޑުމަތީގައި ހުރުމުގެ ފުރުސަތެއް ނުލިބުނެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުން ދަނިކޮށް އީނާޒަށް ޤައުމީ ސްކޮޑުގައި އޭނާގެ މަގާމު ހޯދައި، މަގާމު ދަމަހައްޓަން ފުރުސަތު ލިބުނީ މި އަހަރު ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގައެވެ.

މި އަހަރު ކުރީކޮޅު މާލޭގައި ބޭއްވި "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް" މުބާރާތާ ދިވެހި ޤައުމީ ޓީމު ކުރިމަތިލާން ތައްޔާރުވަނިކޮށް، ކެޕްޓަން ސަމޫޙު އަލީ އާއި މުޙައްމަދު އިރުފާނަށް އަނިޔާވެ، ޓީމާ ދުރަށްދާޏް ޖެހުމުންނެވެ.

މިކަމުގެ ސަބަބުން، ޓީމަށް ބަދަލުތަކެއް ގެނެސް، ޑިފެންޑަރަކު ހޯދަން ކޯޗު އިސްޓަވާން އުރުބާނީ މަސައްކަތް ފެށިއިރު، އީނާޒް ވެގެންދިޔައީ ދިވެހި ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ. އޭނާ ހަމައެކަނި ސްކޮޑުން ޖާގަ ހޯދީއެއް ނޫނެވެ. ފުރަތަމަ 11 ގައި ހިމެނި، މުޅި މެޗު ވެސް ކުޅުނެވެ.

އެފަހުން މިއަދާ ޖެހެންދެން ވެސް އީނާޒަކީ ދިވެހި ޓީމުގެ ފުރަތަމަ 11 ގައި ގަވައިދުން ހިމެނިގެން ކުޅެމުން އަންނަ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

މިއަދު އެއީ ދިވެހިން ފަރިތަ ނަމަކަށްވި ނަމަވެސް، މިހާ ހިސާބަށް އައުމަށް އޭނާ ކުރީ އުނދަގޫ، ރާޅުބާނީ ބޮޑު ދަތުރެކެވެ. އެހެންނަމަވެސް އެންމެ ފަހަރަކުވެސް، ކުޅުން ހުއްޓާލައި، ފުޓުބޯޅައާ ދުރަށް ދިއުމުގެ ވިސްނުމެއް ދުވަހަކުވެސް އޭނާ ނުގެންގުޅެއެވެ.

"އެކަހަަލަ އެއްވެސް ވިސްނުމެއް ނާދޭ. ހަމަ ވަރަށް ހިތްވަރުކޮށް، އަޒުމު ކަނޑައަޅައިގެން ހުރީ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން. އެ ފުރުސަތު ލިބުނީމަ އަސްލު ވަރަށް އުފާވޭ. ހުރިހާ މެޗެއް ކުޅެން ލިބި، އެވެސް ފުރަތަމަ 11 ގައި ހިމެނިގެން. މިހާރު ވަރަށް ބޮޑު ކޮންފިޑެންސެއް އިނދޭ އެހެން ކުޅުންތެރިންނަށް އަދި އަހަރެން ވައްޓާނުލެވޭނެކަމުގެ". މާޔޫސްނުވެ ކުރި ބުރަ މަސައްކަތާއެކު ލިބުނު ފުރުސަތާއެކު، އަމިއްލަ ނަފްސާއިމެދު އޮތް ޔަގީންކަން ހާމަކޮށް އީނާޒް ބުންޏެވެ.

ޤައުމީ ކޯޗު އިސްޓަވާން އުރުބާނީ އެންމެ އިތުބާރުކުރާ އެއް ކުޅުންތެރިޔާގެ ގޮތުގައި ހުރި އީނާޒް މިހާރު ތައްޔާރުވަމުންދަނީ މި މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑޮނީޝިއާގައި ކުރިއަށް ގެންދިޔަ ތަމްރީނު ކޭމްޕުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އީނާޒް ބުނީ، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަށެވެ.

"އިންޝާﷲ ތައްޓަށް، ހަމަ ގޯލްޑެއް ހޯދަން މަސައްކަތް ކުރާނީ. އިންޝާﷲ މިފަހަރު ދެން ރާއްޖޭގެ ހުރިހާ ފުޓުބޯޅައަށް ލޯބިކުރާ މީހުން އުފާވާކަހަލަ ނަތީޖާއެއް ސާފް ޗެމްޕިއަންޝިޕުގައި ހޯދައިދެވޭތޯ މަސައްކަތްކުރާނަން". ސަޕޯޓަރުންނަށް މެސެޖެއް ދެމުން އީނާޒް ބުންޏެވެ.

މިމަހުގެ 4ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ފުރަތަމަ މެޗު ކުޅޭނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ރާއްޖެއާއި ޕާކިސްތާން އަދި އިންޑިއާ މި މުބާރާތުގައި އެއް ގުރޫޕެއްގައި ހިމެނޭއިރު، ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ނޮވެމްބަރު 11ވަނަ ދުވަހުއެވެ.