ޚަބަރު

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 24 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް


މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި، އެތައް ސަތޭކަ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ވޯލް ސްޓްރީޓް ޖަރނަލް" އިން ހެދި ސެޓެލައިޓް ފޮޓޯތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެކަނިވެސް، އެމެރިކާގެ 24 އަސްކަރީ މަރުކަޒަކުން ޖުމްލަ 274 އިމާރާތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

މީގެ ތެރޭގައި އެމެރިކާގެ ސިފައިންގެ ތިން މީހުން މަރުވި، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒުވެސް ހިމެނެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ލަފާކުރާ ގޮތުގައި، މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް މަރާމާތުކޮށް އަލުން އާރާސްތުކުރުމަށްޓަކައި 5 ބިލިއަނާއި 15 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ބޮޑު ހަރަދެއް ކުރަންޖެހޭނެއެވެ.

މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާގެ 20 އަށް ވުރެ ގިނަ ސިފައިން މަރުވެ، 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މި ކުރިމަތިލުންތަކުގައި ލިބެމުންދާ މާލީ އަދި މަރުވި ސިފައިންގެ ހަގީގީ އަދަދުތައް ސިއްރުކޮށް، އެމެރިކާ ސަރުކާރުން އެ އަދަދުތައް ކުޑަކޮށް ދައްކަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ޑިމޮކްރެޓުން ދަނީ ތުހުމަތުކުރަމުންނެވެ.