ޚަބަރު

ގަތުލުއާންމު ނަމެއްގައި މެދުކަނޑައިލިފަހުން ޣައްޒާއިން 1،580 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމުގެ އެއްބަސްވުމަށް އަހަރެއް ފުރިފައިވީ ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ތެރެއިން އިތުރު ހަތަރު މީހުން ޝަހީދުކޮށްލައިފިއެވެ. އޮކްޓޫބަރު 31 ގައި ނުޞައިރާތު ކޭމްޕަށް ދިން ހަމަލާގައި މުދައްރިސެއް ކަމުގައިވާ ޟިޔާއު އަބޫ އައް-ރޫސް ޝަހީދުވިކޮށްލާފައިވާ ކަން އަލް-ޢައުދާ ހަސްފަތާލުން ކަށަވަރުކޮށްދިނެވެ. އަދި، ތަލް އަލް-ހަވާގައި އުޅަނދަކަށް ދިން ހަމަލާއެއްގައި ޒަޚަމުވި ޢަރަފާތު އަލް-ޢަރާޢީރު ޝަހީދުކޮށްލާފައިވާ ކަން އަލް-ޝިފާ ހަސްފަތާލުން ބުންޏެވެ. މީގެއިތުރުން، ޚާން ޔޫނިސްގެ އަލް-މަވާސީ ކޭމްޕުގެ ފޭލިގެއެއްގައި އަލިފާން ރޯވެ، ޒަޚަމުވި ދެ އަންހެން ކުދިން ވަނީ ޝަހީދުވެފައެވެ.

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން މަދުވެގެން ހަ މީހުން ޝަހީދުކޮށްލައި، 26 މީހުން ޒަޚަމުކޮށްލާފައިވާ ކަމުގައި އެ ސަރަޙައްދުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މިއާއެކު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ޤަތުލުޢާންމު ހުއްޓައިލުމުގެ އެއްބަސްވުމަށް "ނަމެއްގައި" އަމަލުކުރަން ފެށި ފަހުން ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މި ވަނީ 1،580 އަށް އުފުލިފައެވެ. އަދި، އެ ދުވަހަށްފަހު އިތުރު 5،711 ވަނީ ޒަޚަމު ކޮށްލާފައެވެ.

އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ބުނީ، ޔަހޫދީން ފަލަސްޠީނު މީހުން ގެދޮރުން ނެރެލުމަކީ ނަސްލު ނައްތާލުމުގެ ބިރު އޮތް ކަމެއް ކަމުގައެވެ. ތިން އަހަރުގެ ޙިޞާރަށްފަހު، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާގެ %70 ކޮންޓުރޯލު ކުރަން ޔަހޫދީ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. "އެ ސަރަހައްދުތަކުން މީހުން ނެރުމަށް ޓަކައި ޔަހޫދީ ސިފައިން ޢާންމުންނަށް އަމާޒުކޮށް ބަޑިޖަހައި، 'ރީނދޫ ރޮނގު' ބަދަލުކޮށްފައިވާ ކަން ދައިރު އަލް-ބަލަޙުން ނުކުތް މީހުންގެ ބަޔާންތަކުން ކަށަވަރުވޭ،" މަސްރަޙުގެ ދާރިސެއް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޞުލްޙައިގެ ޕްލޭނުގެ ދަށުން ކުރިއަށްދިޔަ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި، ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތްތައް ނުފެށި ވަނީ ޔަހޫދީންނާއި ޙަމާސްގެ ޚިޔާލުތަފާތުވުންތަކާ ހުރެއެވެ. ޣައްޒާއިން ޔަހޫދީ ފައުޖުތައް އެއްކޮށް ފައިބައިގެން ނޫނީ ހަތިޔާރު ނުބަހައްޓާނެ ކަމުގައި ޙަމާސްއިން ބުނާއިރު، ޔަހޫދީން ބުނަނީ ޙަމާސްއިން ހަތިޔާރު ދޫކޮށްނުލަނީސް އެ ބިމުން ނުފައިބާނެ ކަމުގައެވެ.