އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ފަލަސްތީނު އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޒުވާން ޤައުމީ ޓީމު ބަލިވި ނަމަވެސް، މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ދެކޮޅަށް ޒުވާން ޤައުމީ ޓީމުން ނެރެފައިހުރި ނަތީޖާތަކާއެކު ޓީމަށް އިތުބާރު އެބައޮތް ކަމަށް 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިބްރާހީމް ސައީދު ބުނެފިއެވެ.
ފަލަސްތީނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 5 ލަނޑު ޖަހައިފައެވެ. އެކަމަކު ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ޑިފެންސިވް މަސައްކަތް ރަނގަޅުކޮށްފައެވެ. ކޯޗު ސައީދު ބުނީ ފުރަތަމަ ހާފުގައި ކައިރި ކައިރީގައި ތިން ލަނޑު ވަނުމުން ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ދަށްވި ކަމަށެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުން ކުޅުންތެރިންނަށް އެކަން ވިސްނައިދީ ދެވަނަ ހާފުގައި ކުޅުނު ގޮތާއި މެދު ހިތްހަމަ ޖެހޭ ކަމަށް ސައީދު ބުންޏެވެ.
ސައީދު ބުނީ ޒުވާން ގައުމީ ޓީމުން އޭއެފްސީ އޭޝިއާ މުބާރާތައް ނުކުންނަން ކުރި ފަރިތަކުރުންތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ބައެއް ކުލަބުތަކާއެކު މެޗު ކުޅުނު ކަމަށެވެ. އަދި އެ މެޗުތަކުގެ ނަތީޖާތައް ގޯސް ނޫން ކަމަށާއި، މެޗަކަށްވުރެ މެޗެއް ކުޅުންތެރިން ކަންކަން ރަނގަޅުކުރަމުން އައި ކަމަށެވެ. އަދި ޓީމާމެދު ހާއްސަކޮށް ކުޅުންތެރިންގެ މަސައްކަތާމެދު އިތުބާރު އޮތްކަން ސައީދު ވަނީ ފާހަގަކޮށްފައެވެ.
އޭޝިއާ މުބާރާތުގެ ކޮލިފިކޭޝަންގެ ކުރިން ރާއްޖެއިން ފަލަސްތީނާ ދެކޮލަށް އެކުވެރިކަމުގެ ދެ މެޗު ކުޅޭނެއެވެ. ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ.
ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި ރާއްޖެއިން މި މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ހޮންގ ކޮންގްއާ ކުޅޭއިރު، މި މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ތައިލަންޑާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ އިރާގާ ދެކޮޅަށެވެ.