އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް ކުރިކެޓްގައި ނަން މަޝްހޫރު ޤައުމުތައް ބަލިކޮށްލެވުމަކީ އެންމެ ބޮޑު ކާމިޔާބީކަމަށް އައިޒީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން މުހައްމަދު ޝިޔާމް ބުނެފިއެވެ.
ރާއްޖޭގެ އައިޒީ ސްޕޯޓްސް ކުލަބުވަނީ މިމުބާރާތުގައި ވާދަކޮށް ރަނަރަޕްކަން ހޯދާފައެވެ. 13 ޤައުމަކުން ވާދަކުރި މިމުބާރާތުގައި ކުރިކެޓްގައި ނަން މަޝްހޫރު ގިނަ ޤައުމުތަކެއްވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި އަފްޣާނިސްތާނު ހިމެނެއެވެ.
މުބާރާތުން ހޯދި ފުރިހަމަ ކާމިޔާބީއާއެކު ރާއްޖޭގެ ޓީމު އެނބުރި މާލެ އައިސްފައިވަނީ ހުކުރު ދުވަހުއެވެ. މާލެއައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝިޔާމް ބުނެފައިވަނީ އެންމެ ބޮޑު ކާމިޔާބީއަކީ ކުރިކެޓްގައި ނަން މަޝްހޫރު ޤައުމުތައް ބަލިކޮށްލެވުންކަމަށެވެ.
ރާއްޖެ ފަދަ ވަސީލަތްތައް މަދު ޤައުމަކުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކޮށް ރަނަރަޕްކަން ހޯދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ޝިޔާމް ސިފަކުރިއެވެ.
"މުބާރާތް ކުރިއަށްދިޔައީ ޖެހިޖެހިގެން ތިންދުވަހު މެޗުތައް ކުޅޭގޮތަށް. އައިޒީގެ ޓީމު މިވަނީ ކުރިކެޓްގައި ނަން މަޝްހޫރު ޤައުމުތައް ބަލިކޮށްފައި. އެކޮޅަށް ގޮސް ދަނޑަށް އެރިއިރުވެސް އެންމެންނަށް ގަބޫލުކުރެވުނީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން މާބޮޑު ކުރިއެރުމެއް މުބާރާތުގައި ނުހޯދާނެކަމަށް. އެހެންނަމަވެސް ޓީމުން މިވަނީ ހިތްވަރުކޮށް ވަރުގަދަ އިންޑިއާ، ނޭޕާލް، ސްރީލަންކާ، ޔޫއޭއީ އަދި އުޒްބިސްތާނު ބަލިކޮށްފަ" ޝިޔާމް ބުންޏެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ރާއްޖޭގެ އައިޒީ ސްޕޯޓްސް ކުލަބު ހޯދާފައިވާއިރު، ފައިނަލުގައި ބަހްރައިން އަތުން އައިޒީ ސްޕޯޓް ކުލަބު ބަލިވީ 21 ލަނޑުގެ ތަފާތުންނެވެ. އަދި ފައިނަލަށް ރާއްޖެ ދަތުރުކުރީ ސެމީ ފައިނަލުގައި އަވަށްޓެރި ސްރީލަންކާ 9 ލަނޑުން ބަލިކޮށްގެންނެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ 14 ކުޅުންތެރިނާއި 5 އޮފިޝަލުންނެވެ. މިއީ 70 އަހަރުވީ ދިގު ތާރީޚެއް އޮތް މުބާރާތަކަށްވާއިރު، ކޮންމެ އަހަރަކުވެސް މިމުބާރާތުގައި އެކި ޤައުމުތަކުގެ ޓީމުތައް ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދިޔައީ އޮކްޓޯބަރުމަހުގެ 26 އިން 29 އަށް އިންޑިއާގެ ޗެންނާއީގައެވެ.