ޚަބަރު

ވިއޭނާ އޯޕަންގެ ސެމީ ފައިނަލުން ޒުވަރޭވް ބަލިވެއްޖެ


  • ޒުވަރޭވް ބަލިވީ ޑި މިނޯ އާއި ބައްދަލުކޮށް 2 ސެޓު 1 ސެޓުން

އޮސްޓްރިއާގައި މިހާރު ކުރިއަށްދާ ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ބަލިވެއްޖެއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޒުވަރޭވް ބަލިވެފައިވަނީ ފަސްވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުންނެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށް ފެށުން ރަނގަޅުކުރީ ޑި މިނޯއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ޒުވަރޭވްވަނީ އޭނާގެ މޮޅު ކުޅުން ދައްކާ ފަސޭހަ ކަމާއެކު ހައެއް އެކަކުން ދެވަނަ ސެޓު ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ޑި މިނޯއެވެ.

މިކާމިޔާބީ އާއެކު ޑި މިނޯ މިވަނީ ސީޒަން ނިންމުމުގެ ގޮތުން ކުޅޭ އޭޓީޕީ ފައިނަލްސްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެއީ މިކާމިޔާބީ އާއެކު ސްޕެއިންގެ ރަފައެލް ހޯޑާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޑި މިނޯވަނީ މިމެޗު އޭނާއަށް ކުޅެވުނު ގޮތާމެޗު ވަރަށް ހިތްހަމަ ޖެހޭކަން ހާމަކޮށްފައެވެ. ޑި މިނޯ ބުނީ އޭނާ މިމެޗުގައި ބެލީ ޒުވަރޭވްގެ ކުޅުމަށް އޭނާ ހޭނުމުގެ ބަދަލުގައި އޭނާގެ ކުޅުން ކުޅެވޭތޯ ކަމަށެވެ. އަދި އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ވެއްޖެކަމަށް އޭނާ ބުންޏެވެ.

މިމުބާރާތުގެ ފައިނަލްގައި ޑި މިނޯ ވާދަކުރާނީ ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއެވެ. މިމުބާރާތުގެ ފައިނަލުން އަލްކަރާޒް ޖާގަހޯދީ ސެމީ ފައިނަލްގައި ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހަތެއް ހަތަރަކުން އަލްކަރާޒް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސް ހަތެއް ދެއަކުންނެވެ. މިކާމިޔާބީ އާއެކު އަލްކަރާޒް މިވަނީ އޭޓީޕީ ފައިވް ހަންޑްރެޑްގެ އިވެންޓަކުން ބަލިނުވެ 25 މެޗު ހަމަކޮށްފައެވެ. އޭނާ އެންމެ ފަހުން އޭޓީޕީ ފައިވް ހަންޑްރެޑްގެ އިވެންޓަކުން ބަލިވެފައިވަނީ 2025 ވަނަ އަހަރު ބޭއްވި ބާސެލޯނާ އޯޕަންގައި ހޮލްގަރ ރޫން އަތުންނެވެ.

މިމުބާރާތުގެ ފައިނަލް މެޗު ވެގެންދާނީ ޑި މިނޯ މިސީޒަންގައި ވާދަކުރާ ހަތަރު ވަނަ ފައިނަލަށެވެ. ނަމަވެސް މީގެ ކުރިން ކުޅުނު ތިން ފައިނަލްގެ ތެރެއިން އޭނާއަށް މިއަހަރު ކާމިޔާބު ކުރެވިފައިވަނީ ރޮޓަރޑަމް އޯޕަން އެކަންޏެވެ.