ޚަބަރު

ޑޯޓްމުންޑުން ބަޔާން މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި


  • ބަޔާން އާއި ޑޯޓްމުންޑްގެ ކުރިމަތިލުން ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެން

ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުރިމަތިލުން އެއްވަރު ވެގެން ނިމިއްޖެއެވެ.

ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅުނު މިމެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ.

ޑަރ ކްލަސިކަރގެ ނަމުން މަޝްހޫރުވެފައިވާ މިކުރިމަތިލުން ވެގެންދިޔައީ ބެލޮން ޑިއޯ ކާމިޔާބު ކުރުމަށްފަހު ހެރީ ކޭން ބަޔާން އަށް ކުޅުނު ފުރަތަމަ މެޗަށެވެ. ނަމަވެސް މިމެޗު ވެގެންދިޔައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޭން އެންމެ ބޭނުންވި ކަހަލަ މެޗަކަށް ނޫނެވެ. މިގޮތުން މިމެޗުގައި އޭނާ އަތުން ޕެނަލްޓީ އެއް ނާކާމިޔާބުވިއިރު މިމެޗުގައި އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތްވަނީ ނުވެފައެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބަޔާން އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 38 ވަނަ މިނެޓުގައި ކޮންރެޑް ލެއިމާއެވެ. މިމެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ބަޔާންއަށް ލިބިގެންދިޔަ ޕެނަލްޓީ ކޭން ޖެހުމުން ގޯލަށް ވަނުމުގެ ބަދަލުގައި އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ޑޯޓްމުންޑްއިން މެޗުގެ 60 ވަނަ މިނެޓުގައި ސަރހޫ ގުރާސީ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓް ފަހުން ބަޔާންއިންވަނީ ދެވަނަ ފަހަރަށް މިމެޗުގައި ލީޑު ނަގައިފައެވެ. މިމެޗުގައި ބަޔާންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޭން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑާޔޯ އުޕަމެކާނޯއެވެ.

މިމެޗުގައި ޑޯޓްމުންޑް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ފަބިއޯ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުން މޮޅުވެވޭތޯ ބަޔާންއިން ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރި ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވެގޮތެއް ނުވިއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި ބަޔާންގެ ލެނާޓް ކާލް ފޮނުވާލި ހަމަލާއެއްވަނީ ޑޯޓްމުންޑްގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.

މިމެޗު އެއްވަރުވުމުން ބަޔާން މިހާރު އުޅެނީ ކުޅުނު 8 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އެއީ ފައިދާ ގޯލަށް ބަލާއިރުއެވެ. އަދި ޑޯޓްމުންޑް އުޅެނީ ބަޔާން އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ތާވަލްގެ ދެވަނައިގައެވެ. އަދި މިފަހަރު ލީގުގައި މެޗަކުން މިހާތަނަށް ބަލިނުވެ އޮތީވެސް މިދެ ޓީމެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ތާވަލްގެ ތިންވަނައިގާ އުޅޭ ފްރެއިބަރގް އާއި އައުގްސްބަރގް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު އެއް ލަނޑުން ފްރެއިބަރގް ކާމިޔާބު ކޮށްފައިވާއިރު ތާވަލްގެ ހަތަރު ވަނައިގާ އުޅޭ އާރްބީ ލެއިޕްޒިގާއި ޝާލްކަރ ޒީރޯ ފޯ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެއިޕްޒިގެވެ. އަދި ތާވަލްގެ ފަސް ވަނައިގާ އުޅޭ ވަރޑަރ ބްރޭމަން އާއި ހޯފެންހެއިމް ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ބްރޭމަން ކާމިޔާބު ކުރިއިރު ތާވަލްގެ ހަވަނައިގާ އުޅޭ ބަޔަރ ލެވަކޫސެންވަނީ ސްޓުޓްގާޓް އަތުން 4 ލަނޑު 2 ލަނޑުން ބަލިވެފައެވެ.