ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ސޫރިޔާއަށް 1،000އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށާއި، އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްޢަދް އަލް ޝައިބާނީ ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވެފައި ވަނީ މަނާމާ ޑަޔަލޮގު 2026ގައި ސަރަޙައްދީ ސަލާމަތާ ބެހޭ ސެޝަނެއްގައި ވާހަކަދައްކަވަމުންނެވެ.
ޝައިބާނީގެ ވާހަކަފުޅުގައި އޭނާ ވަނީ ސޫރިޔާގެ އިސްތިޤުލާލަށް ޔަހޫދީން އަރައިގަންނަމުންދާއިރު، އަދި ތަކުރާރުކޮށް ހަމަލާތައް ދެމުންދާއިރު، ސޫރިޔާގެ ސަލާމަތީ ރޮނގު ބަލަހައްޓައި ދައުލަތުގެ ބެލުމުގެ ދަށަށް ހަތިޔާރު ގެންދިޔުމަށް ޔަހޫދީން ގޮވައިލަމުންދާ ގޮވައިލުން ބަލައިގަނެވޭނީ ކިހިނެތްތޯ ސުވާލުކުރައްވައިފައެވެ. ޔަހޫދީންގެ ހަމަލާތައް ކުށްވެރިކުރައްވައި އޭނާ ވަނީ 2024ވަނަ އަަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުގެ ކުރިން ޔަހޫދީން ތިބި އަސްކަރީ މަޤާމުތަކަށް އަނބުރާ ދިޔުމަށް ގޮވާލައްވައިފައެވެ. އަދި 1974ވަނަ އަހަރުގެ ޑިސްއެންގޭޖްމަންޓް އެއްބަސްވުން ތަންފީޒު ކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ. ޝައިބާނީ ވަނީ ޖައުލާން އުސްބިންތަކަކީ ވެސް ސޫރިޔާގެ ސަރަޙައްދެއް ކަމަށް ހަނދާންކޮށްދެއްވައި އެ ކަމުގެ ހެއްކަކީ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 497 ނަންބަރު ޤަރާރު ކަމަށް ވިދާޅުވެފައެވެ.
2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9ވަނަ ދުވަހު ސޫރިޔާގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ޔަހޫދީން ދަނީ 1974ވަނަ އަހަރުގެ ޑިސްއެންގޭޖްމަންޓް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސަލާމަތީ ބަފަރު ޒޯންތަކަށް ވެރިވެގެންފައެވެ. އަދި އެ ޒޯންތަކުގެ އެތެރެއާއި ބޭރުގައި އަސްކަރީ މަޤާމުތައް ވަނީ ޤާއިމްކޮށްފައެވެ. އދން ވަނީ އެއީ އެ އެއްބަސްވުމާ ޚިލާފުވުމުގެ ޢަމަލެއް ކަމަށް ފާހަގަކޮށްފައެވެ.