ތަޢުލީމު

ހުޅުމާލޭގައި އިމާރާތްކުރާ ސްކޫލުގެ މަސައްކަތް މިއަހަރު ފަށަނީ


ހުޅުމާލޭގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްކޫލުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގައި ތަޢުލީމާބެހޭ ތަންތަން ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ ހުރިހާ ބިންތަކެއް ކަނޑައަޅާ ނިމިފައިވާކަމަށެވެ. އެގޮތުން ކޮންމެ ނެއިބަރހުޑެއްގައިވެސް ވަކި ސަރަޙައްދެއްގައި ހަދަންޖެހޭ ސްކޫލްތަކާއި، މިސްކިތްތަކަށް ކަނޑައަޅާފައިވާ ވަޞީލަތްތަކަށް ޖާގަތައް ދޫކޮށް ނިމިފައިވާކަމުގައި ސައިމަން ވިދާޅުވިއެވެ.

އެހެންނަމަވެސް  ހުޅުމާލޭގައި އާބާދީ ބޮޑުވަމުން އަންނަވަރަކަށް، ސަރުކާރާއެކު އެއްބަސްވެވަޑައިގެންފައިވާ ގޮތަށް އެކި މަޝްރޫޢުތަކާ ގުޅިގެން، އެޗްޑީސީއިން ކުރިއަށްގެންދަންޖެހޭ މަޝްރޫޢުތަކުގެ ދަށުން އެޗްޑީސީއިން ސްކޫލެއް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާކަމުގައި ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ މިސްކޫލްގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށެވެ.

މިސްކޫލް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ނެއިބަރހުޑް އެކެއްގައި މިހާރު ހުރި ލިޓްލް ޖެމްސް ސްކޫލްގެ ބިއްދޮށުގައެވެ. މިތަނުގައި ތަރައްޤީކުރެވިގެންދާނީ ގްރޭޑް 1 ން 12 އަށް ކިޔަވައިދޭ ޖާގައިގެ ސްކޫލެއްކަމަށް އެޗްޑީސީން ބުނެއެވެ.