ރިޕޯޓް

ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒުކުރެވޭނެ- ޖެންޑަރ މިނިސްޓަރ


"ޖެންޑަރ އިކުއަލިޓީ ޤާނޫނު" ތަންފީޒުކުރައްވަން ފެއްޓެވުމަށް ކަނޑައަޅުއްވާފައިވާ ތާރީޚުގައި ތަންފީޒުކުރައްވަން ތައްޔާރުވެވަޑައިގެންނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ އީކުއަލިޓީގެ ޤާނޫނު ތަންފީޒުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޕީ.އެސް.އެމާއި ޙިއްޞާކުރައްވަމުން، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މިޤާނޫނު ތަންފީޒުކުރުމާބެހޭ ތައްޔާރީތައް ފަށްޓަވައިގެން ކުރިޔަށް ގެންދަވާކަމަށެވެ. އަދި ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ޖެންޑަރ އިކުއަލިޓީ ޤާނޫން ތަންފީޒް ކުރެވުމުން ޙައްޤުތައް ކަށަވަރު ކުރެވި، ހަމަހަމަ ވެއްޓެއް ޤާއިމް ކުރެވިގެންދާނޭކަމަށެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރެވޭ ތަފާތުތައް ނައްތާލެއްވުމުގެ މައިގަނޑު އުޞޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަން ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ ޤާނޫނެކެވެ.

img:http://s3.psmnews.mv/images/660x400/14729874954447.jpg|މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ - ފައިލް ފޮޓޯ: ޕީއެސްއެމް

މި ޤާނޫނުގައި ޖެންޑަރ އީކުއަލިޓީކަމަށް ބަޔާންކޮށްފައިވަނީ، އަންހެނުންނަށާއި ފިރިހެނުންނަށް ފުރުޞަތު ލިބުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކަށް ވާޞިލްވުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކުން ނަތީޖާ ޙާޞިލްކުރުމުގެ ހަމަހަމަކަމަށާއި ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަމަށެވެ. އަންހެނަކަށްވީތީ ނުވަތަ ފިރިހެނަކަށްވީތީ، އެއްވެސް މީހަކާމެދު ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް ތަފާތު ކުރުމަކީ މަނާކަމެއް ކަމަށް މި ޤާނޫނުގައިވެއެވެ. 

މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، މި ޤާނޫން ތަޞްދީޤު ކުރައްވާފައިވާއިރު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނީ ތަޞްދީޤު ކުރެއްވި ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެނެވެ. މި ޤާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތީ ޖެންޑަރ މިނިސްޓްރީއަށެވެ.

މި ޤާނޫނުގެ ދަށުން ޙައްޤު ގެއްލޭ ފަރާތްތަކުން ޝަކުވާކުރަންވީ ގޮތާއި މަނާކުރެވިފައިވާ ކަމެއް ކުރާ މީހަކާމެދު އެޅޭ ފިޔަވަޅުތަކާއި ބަދަލު ނަގައިދެވޭ ގޮތްވެސް ބަޔާންވެގެންވެއެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ ޖޫރިމަނާގެ މިންވަރު ހުރީ 12 ހާސް ރުފިޔާއާއި 50 ހާސް ރުފިޔާއާ ދެމެދުގައެވެ. މި ބިލުގެ ސަބަބުން ތަފާތުކުރުން ނައްތާލެވި، ޚާއްޞަކޮށް މުޖުތަމަޢުގައި އަންހެނުންނަށް ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަކަށް ޙައްލެއް އަންނާނެއެވެ.