ޚަބަރު

އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް ދެން އޮންނާނީ ކެޔޮދޫގައި


  • އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2025 ބޭއްވީ ތޮއްޑޫގައި

  • މިމުބާރާތުގެ ސަބަބުން ސްޕޯޓްސް ޓޫރިޒަމަށް ރާއްޖެ ހުޅުވޭނެ

  • ގިނަ އަދަދަކަށް ބައިނަލްއަޤްވާމީ އެތުލީޓުން މުބާރާތުން ފެންނާނެ: އިހާ އެކަޑަމީ

މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް 2027 ފެލިދެއަތޮޅު ކެޔޮދޫގައި ބާއްވާގޮތަށް ނިންމައިފިއެވެ.

މިއީ އިހާ އެކަޑަމީއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިހާ އެކަޑަމީއާއި ކެޔޮދޫ ކައުންސިލް ގުޅިގެންނެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް މުބާރާތުގެ ދެވަނަ އެޑިޝަން ލޯންޗުކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ނިއުޝާދު މުޙައްމަދުއެވެ. އަދި މިމުބާރާތް ބާއްވާނެ މަންޒިލަކަށް ކެޔޮދޫ ހަމަޖައްސާފައިވާކަން އިއުލާންކޮށްދެއްވީ މިހަފްލާގެ ތެރެއިން، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފެވެ.

މިމުބާރާތާ ގުޅޭގޮތުން މައުލޫމާތުދެމުން އިހާ އެކަޑަމީއިން ބުނީ، ބައިނަލްއަޤުވާމީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބޭނެކަމަށެވެ. މިއީ ރާއްޖޭގެ މާސްޓާސް އެތުލީޓުންނަށް ލިބޭ ވަރަށް ފަހި ފުރުސަތަކަށްވާއިރު، މިމުބާރާތުގެ ސަބަބުން ބޭރު ދުނިޔެއަށް ރާއްޖެ އިތުރަށް އިޝްތިހާރުވާނެކަމަށެވެ. މިމުބާރާތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމުގެ އަމާޒަކީ ސްޕޯޓްސް ޓޫރިޒަމަށް ރާއްޖެ ހުޅުވާލުންކަމަށާ މިމުބާރާތުގައިވެސް ގިނަ އަދަދަކަށް ބޭރު ޤައުމުތަކުގެ އެތުލީޓުން ވާދަކުރާނެކަމަށް އުންމީދުކުރާކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް މުބާރާތަކީ 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފުރަތަމަ އެޑިޝަން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ބާއްވާފައިވަނީ އއ. ތޮއްޑޫގައެވެ. އެ މުބާރާތުގައިވެސް 10 ޤައުމަކުން 85 ކުޅުންތެރިން ވާދަކޮށްފަވާއިރު، ކުރިއަށް އޮތް މުބާރާތުގައި މިއަދަދު އިތުރުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިހާ އެކަޑަމީއިންވަނީ ބުނެފައެވެ.