ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ޢަދަންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދެ މިސައިލް ހަމަލާއެއް ދީފައިވާ ކަމުގައި ޔަމަނުގެ ފުލުހުން ބުނެފިއެވެ. މި ދަނޑިވަޅުގައި، ސަޢުދީ ޢަރަބިއްޔާގެ މައްކާއާއި މަދީނާއަށް ހަމަލާދޭން ވެސް ޙޫޘީން މަސައްކަތް ކޮށްފައިވާ ކަމުގައި ސަޢުދީ އަސްކަރީ އިއްތިޙާދުން ބުނެއެވެ. ސަޢުދީ ޢަރަބިއްޔާގެ ތާއީދު އޮންނަ، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަން ސަރުކާރު ހިންގާ މައި މަރުކަޒު ކަމުގައިވާ ޢަދަނަކީ، މަޑުޖެހިފައި އޮތް ދާޚިލީ ހަނގުރާމަ ޖުލައި މަހު އަލުން ފެށުނު ފަހުން ތަކުރާރުކޮށް ހަމަލާތައް އަމާޒުވަމުން އަންނަ މައި ރަށެކެވެ.
ޙޫޘީންގެ ހަމަލާތަކަށްފަހު، ގިނަ އިމާރާތެއްގެ މައްޗަށް އެކުލެވިގެންވާ ޢަދަން ރިޔާސީ ގަނޑުވަރުގެ ތެރެއަށް އެމްބިއުލާންސްތައް ވަންނަމުންދިޔަ މަންޒަރު ފެނުނު ކަމުގައި، މަންޒަރު ފެނުނު މީހުން ބުންޏެވެ. އަދި، އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ރަށުގެ ތެރެއިން ދެ ގޮވުމެއްގެ އަޑު އިވުނު ކަމުގައި އެ ސިޓީގެ ރައްޔިތުންނާއި ޙަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އުތުރުގެ ވެރިރަށް ޞަންޢާ ކޮންޓުރޯލުކުރާ ޙޫޘީން އޮކްޓޫބަރު 28 ވަނަ ދުވަހު ވެސް ޢަދަންގެ ވައިގެ ބަނދަރުގެ ވަށައިގެންވާ ސަރަހައްދަށް ހަމަލާތަކެއް ދީފައިވެއެވެ.
ނިމިދިޔަ ހަފުތާގައި ކަނޑުގެ އަސްކަރީ މަރުކަޒަކަށާއި އަސްކަރީ ކޭމްޕަކަށް އަމާޒުކޮށް ހަމަލާދިން ކަމަށް ޙޫޘީން ބުނެފައިވެއެވެ. މީގެ އިތުރުން، އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ބިން އަދި ކޮންމެ އަހަރަކު އެތައް މިލިޔަން މުސްލިމުން ޒިޔާރަތްކުރާ ސަޢުދީ ޢަރަބިއްޔާގެ މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ޑްރޯނެއް ވައިގެ ތެރޭގައި ދިފާޢުކޮށް ނައްތާލާފައިވާ ކަމުގައި ޔަމަނުގައި ހަނގުރާމަކުރާ ސަޢުދީ އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ބުންޏެވެ.
މީގެ އިތުރުން، އޮކްޓޫބަރު 30 ވަނަ ދުވަހުގެ ހެނދުނު މައްކާގެ ސަރަހައްދަށް ޙޫޘީން ފޮނުވާލި ޑްރޯނެއް ވެސް ވައިގެ ތެރޭގައި ދިފާޢުކޮށް ނައްތާލާފައިވާ ކަމުގައި އެ އިއްތިޙާދުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ހަމަލާތަކަކީ ވައިގެ ބަނދަރުތަކަށާއި ޢާންމުންނަށާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ސަޢުދީ ޢަރަބިއްޔާގެ ބޯޑަރު ހުރަސްކޮށް ޙޫޘީން ދެމުންގެންދާ ސިލްސިލާ ހަމަލާތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ ހަމަލާތަކެވެ.